Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

"ޖިންސީ ގޯނާ ކުރާމީހުން ރައްޔިތުން ކުރިމަތީގައި ދަންޖައްސާ މަރަންޖެހޭ"

އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުން ރައްޔިތުން ކުރިމަތީގައި ދަންޖައްސާ މަރަންޖެހޭގޮތައް ގާނޫނުތައް އިސްލާހު ކުރުމަށް ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ފަހަކަށް އައިސް ރާއްޖޭގައި އެންމެ ގިނައިން ހިނގަމުން އަންނަ އެއް ކަމަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުުރުމާއި ޖިންސީ ފުރައްސާރަ ކުރުންކަމަށެވެ. ޖާބިރު ވިދާޅުވީ އެފަދަ ފަރާތްތަކުގެ މައްޗަށް ޝަރީއަތެއް ހިންގި ކަމަށްވީ ނަމަވެސް ގިނަ ފަހަރަށް ހުކުމް ކުރަމުން ގެންދަނީ ކުށް ސާބިތު ނުވާ ގޮތަށް ކަމަށެވެ.

ޖާބިރު ވިދާޅުވެފައި ވަނީ މި މައްސަލައިގައި އަދަބު ކަނޑައަޅަން ވާނީ އިސްލާމް ދީނުގެ މަގުން ކަމަށެވެ.

ގއ. ކަނޑުހުޅުދޫގައި ހިނގާފައިވާ ފަދަ އެތައް މައްސަލައެއް ކުރިއަށް އޮތް ތަނުގައި ހިނގުން އެކަށީގެންވާކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ޖާބިރު މިފަދައިން ވިދާޅުވެފައިވާއިރު މަޖިލީހުގެ ޖެންޑާ ކޮމެޓީން ވަނީ ޖެންޑާ މިނިސްޓްރީއަށް ކަންތައްތަކެއް ކުރުމަށް ލާޒިމް ކޮށްފައެވެ. އަދި އެކަންކަން ތަންފީޒު ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.