Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

ހިތަދޫން ވެސް ބިން ދޫކުރަނީ!

ސ.ހިތަދޫގެ މަތިން ނަގާފައިވާ ފޮޓޯ އެއް. ފޮޓޯ: ޝަރަފް

ހިތަދޫން ގޯއްޗާ ގުޅޭ ގިނަ މައްސަލަތަކެއް މިހާތަނަށް ކައުންސިލަށް ލިބިފައިވާ ކަމަށާއި، ގޯތި ލިބުމުގެ މައްސަލައަކީ ހިތަދު އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަށްވެފައި އެކަމަށް ހައްލެ ހޯދުމަށް ހިތަދޫގެ ދެ ސަރަހައްދަކުން ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ކައުންސިލަށް ބިމާ ގުޅޭ ގޮތުން 750 އެއްހާ މައްސަލަ ހުށަހެޅި ފައިވާ ކަމަށެވެ.

މޭޔަރ ވިދާޅުވީ ގޯތި ދޫކުރުމަށް ހިތަދޫގެ ދެ ސަރަހައްދެއް ކައުންސިލުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ދެ ސަރަހައްދަކީ ވެސް ބިން ހިއްކައިގެން ގޯތި ދޫކުރާނެ ސަރަހައްދު ކަމަށް މޭޔަރު ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ހިތަދޫން ބިން ހިއްކުމަށް ނިންމާފައިވާ ދެ ސަރަހައްދުންނެވެ.

އެގޮތުން ބިން ހިއްކުމަށް ނިންމާފައިވާ ދެ ސަރަހައްދަކީ ބަނދަރާއި ދިމާލުން މިހާރު މީހުން ފަތަންދާ ސަރަހައްދާއި މެދެއާރި މަގުން ހިތަދޫގެ ފުށްޓަރު ފަރާތުން ހިއްކާ ސަރަހައްދުންނެވެ.

ކައުންސިލުން ބުނީ މި ސަރަހައްދުން ބިން ދޫކުރާއިރު މިހާރު ގުރުއަތު ނަންބަރު ލިބި ގޯތި ހަވާލުވެ ނުވެ ތިބި މީހުނަށް އިސްކަން ދޭނެ ކަމަށެވެ. އަދި ކޮންވެންޝަން ސެންޓަރު އެޅުމަށްޓަކައި އެ ސަރަހައްދުން ނަގާފައިވާ ގޯތިތަކުގެ ވެރިންނަށް ވެސް ހާއްސަ އިސް ކަމެއް ދޭނެ ކަމަށެވެ.

ކައުންސިލުން ބުނީ ގުރުއަތު ނަންބަރު ލިބި ގޯތި ހަވާލު ނުވެތިބި 1،700 އެއްހާ މީހުން އެބަތިބި ކަމަށެވެ.

ސޯބެ ވިދަޅުވީ ބިން ހިއްކުމަށް ބޭނުންވާ ފައިސާ އަންނަ އަހަރު ބަޖެޓްގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ސޯބެ މިގޮތަށް ވިދާޅުވެފައިވާއިރު އައްޑޫގެ ތިން ރަށެއްގެ ބިން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހިއްކުމަށް މިހާރުގެ ސަރުކާރުން އަންނަނީ މަަސައްކަތް ކުރަމުންނެވެ. ނަމަވެސް ބަޖެޓްގައި ނެތް މަޝްރޫއެއް ކަމަށް ބުނެ މާލިއްޔަތު ކޮމެޓީން ވަނީ އެ މަސައްކަތް ހުއްޓުވާފައެވެ.

އައްޑޫއަށް ދިމާވެފައިވާ ގޯތީގެ މައްސަލަ ހައްލު ކުރުމަށް ހުޅުމީދޫން 100 ގޯތި ދޫކޮށްފައިވާ އިރު އިތުރު 100 ގޯތި ދޫކުރުމަށް ކުރި އިއްލާންގެ މުއްދަތު އިތުރު ކުރުމަށް ކައުންސިލާއި މަޝްވަރާ ކުރާނެ ކަމަށް ހުޅުމީދޫ އަވަށު ބޯޑު ރައީސް ވަނީ ވިދާޅުވެފައެވެ.