Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ދީބާޖާ މައްސަލަ ރިވިއު ކުރަން ދައުލަތުން ނިންމައިފި

ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު --

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން، ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވާ ފައިސާގެ މައްސަލަ ރިވިއު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި މެދު އާއްމުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އާއްމުންގެ މަސްލަހަތަށް ރިއާޔަތްކޮށް އެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން މައުލޫމާތުދެއެވެ.

ދީބާޖާ އަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން 2018 ވަނަ އަހަރު ބާތިލްކުރިއެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައިގަނެފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ.

އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ، 348.10 މިލިއަން ރުފިޔާގެ ތެރެއިން ތިން ބައިކުޅަ އެއްބައަށްވާ، 116 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީ ކޮޅުއެވެ. ނަމަވެސް ދައުލަތާ، ދީބާޖާ އާ ދައުލަތާ އެކު ކުރެވުނު ސެޓްލްމެންޓް މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ. އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނީ އެކުންފުންޏަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ.

މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ދެ ފަހަރެއްގެ މަތިން ހާޒިރުކުރިއެވެ. ފުރަތަމަ ހާޒިރު ކުރި ފަހަރު އެމަނިކުފާނު ވަނީ މައްސަލަ ރިވިއު ކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އޭރުގެ ބެންޗު އޮއްވާ އިންސާފުވެރި ހުކުމެއް އެކަމުގައި އަތުވެދާނެ ކަމަށް ނުބެލެވޭ ކަމަށާއި އެ ކޯޓުގެ ބެންޗު ބަދަލު ކުރުމަށް އެމަނިކުފާނު އެދިލެއްވިއެވެ. ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމުންވެސް ސުޕްރީމް ކޯޓަށް ދީބާޖާ މައްސަލަ ރިވިއު ކުރަން ހުށަހަޅާފައެއް ނުވެއެވެ. އަދި އެކަން އެގޮތުގައި އޮއްވާ ރައީސް ސޯލިހު ނިންމެވީ 174 މިލިއަން ދީބާޖާއަށް ދިނުމަށެވެ.

އެ މައްސަލާގައި ދެވަނަ ފަހަރަށް މާލިއްޔަތު ކޮމެޓީއަށް ބަންޑާރަ ނާއިބު ހާޒިރު ކުރެއްވިއެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އިތުރަށް ރިވިއު ނުކުރީ އެއަށް އިތުރު ބަދަލެއް ސުޕްރީމް ކޯޓުން އަންނާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭތީ ކަމަށެވެ.

ދީބާޖާ މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 15ވަނަ ދުވަހު ވެސް ސިވިލް ކޯޓުގައި ތާވަލުކުރިއެވެ. ނަމަވެސް ފަހުން ވަނީ މައްސަލަ ކެންސަލް ކޮށްފައެވެ.