ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން، ލަފަޔަކަށް އެދިފައިވާތީ އެކަމުގައި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައުޔެއް ހޯދަން އިސްލާމިކް މިނިސްޓްރީން ހުށަހަޅައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ސޮއިކުރައްވައި ފަތުވާ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އަންހެނުން ހިތާނުކުރުމާ ގުޅޭ ރައުޔެއް ވީ އެންމެ އަވަހަކަށް ފޮނުއްވައި ދެއްވުން އެދޭ ކަމަށެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހަކީ ދީނީ ކަންކަމުގައި އެންމެ ފަހުބަސް ބުނާ އަދި ދީނުގައި ކަންކަން އޮންނަ އެންމެ ރަނގަޅު ގޮތް އަންގައި ދިނުމަށް އޮންނަ މަޖިލީހެކެވެ.
މިނިސްޓަރުގެ އެ ސިޓިފުޅަކީ މި މަހުގެ ފަސް ވަނަ ދުވަހު ފަތުވާ މަޖިލީހަށް ފޮނުވި ސިޓީއެވެ. ނަމަވެސް އަދި އެކަމާއި ގުޅިގެން ފަތުވާ މަޖިލީހުން އިސްލާމިކް މިނިސްޓްރީއަށް ޖަވާބެއް ދީފައެއް ނުވެއެވެ.
އަންހެނުން ހިތާނަ ކުރުމަކީ މިހާރުވެސް ބައެއް ސަރަހައްދުތަކުގައި ކުރަމުން އަންނަ ކަމެއް ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް އެފަދަ ކަންކަން ނުކުރުމަށް ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކުން އަންނަނީ ގޮވާލަމުންނެވެ. އެއީ އެކަމުގެ ސަބަބުން ބަލިމަޑުކަން ފެތުރިދާނެތީއެވެ.