Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

30،000 ވެކްސިން މާދަމާ ރާއްޖެ ގެނެވޭނެ ކަމަށް ބުނެފި

ހެލްތު މިނިސްޓަރު
ހެލްތު މިނިސްޓަރު އަމީން -- ފޮޓޯ / މިހާރު

ރާއްޖޭގައި މިހާރު ފެތުރެމުން އަންނަ ހިމަބިއްސަށް ވެކްސިން ދިނުމުގެ ގޮތުން މާދަމާ 30،000 ވެކްސިން ރާއްޖެ ގެނެވޭނެކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަސްއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހެލްތު މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ހިމަބިހި އިތުރަށް ފެތުރުނަ ނުދީ ރައްކާތެރިވުމުގެ ގޮތުން މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އެ މިނިސްޓްރީން އަޅަމުންދާ ކަމަށެވެ.

މިހާތަނަށް ހިމަބިއްސަށް 79 މީހަކު ވަނީ ޓެސްޓު ކޮށްފައެވެ. އަދި ފާއިތުވި ދެ ދުވަސް ތެރޭގައި އެއްވެސް މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. އަމީން ވިދާޅުވި ގޮތުގައި ހިމަބިއްސަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އެ މީހަކު ވަށައިގެން ދިރިއުޅޭ މީހުންނަށް ވެކްސިން ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިހާތަނަށް 3،100 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

ހިމަބިއްސަށް ވެކްސިން ދިނުމުގެ ގޮތުން ދެލައްކަ މީހުންނަށް ވާވަރަށް ވެކްސިން ގެނައުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު އަމީން ވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި އެ ވެކްސިންތައް ގެނައުމާއި އެކު މުޅި ރާއްޖެއަށް އަމާޒުކޮށްގެން ވެކްސިން ޖެހުމުގެ ކެމްޕެއިނެއް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ހިމަބިހި އެންމެ ފުރަތަމަ ޖެހުނީ ކުޑަ ކުއްޖަކަށެވެ. އެކުއްޖާއަކީ ވެކްސިން ޑޯޒް ހަމަކޮށްފައި ނުވާ ކުއްޖެކެވެ. އޭގެފަހުން ހަތަރު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވިއެވެ.