2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު، އައްޑޫއަށް ކުރި އެންމެ ފުރަތަމަ ޒިޔާރަތުގައި އެމަނިކުފާނު ވަރަށް މުހިންމު ދެކަމެއްގެ ވާހަކަ ވިދާޅުވެއެވެ.
ފުރަތަމަ ކަމަކަށް ފާހަގަކުރީ އެމަނިކުފާނަށް އިހުލާސްތެރި މީހުންތިބީ އައްޑޫގައި ކަމެވެ. ދެން ވިދާޅުވީ އެމަނިކުފާނުގެ ރަނިންމޭޓަކު ހަމަޖައްސާނީ އައްޑޫން ކަމަށެވެ. އެދުވަހުވެސް ގިނަ ބަޔަކު ގަބޫލު ކުރީ އެއީ އަސްލަމްއަށް ދެއްވި ފުރުސަތެއް ކަމަށެވެ.
ދާދި ފަހުން ރާއްޖެ ޓީވީން ވަނީ ނަޝީދުގެ ރަނިންމޭޓާއި ގުޅޭ އެސްއެމްއެސް ވޯޓެއް ނަގާފައެވެ. އެވޯޓުގައި އަސްލަމް ދިޔައީ 2 ވަަނައަށެވެ. މިހާރުގެ ރަނިންމޭޓް ޑރ. މުސްޠަފާ ލުޠުފީއަށް ލިބިލެއްވީ 3 ވަނައެވެ.
އައްޑޫލައިވް ފޭސްބުކް ޕޭޖް މެދުވެރިކޮށް ނެގި ޕޯލުން އަސްލަމް އަށް 1 ވަނަ ލިބިވަޑައިގަތެވެ. އެޕޯލުންވެސް މުސްޠަފާއަށް ލިބިލެއްވީ ތިން ވަނައެވެ. މިހުރިޙާ ކަމަކުންވެސް ޔަޤީންވާ އެއްކަން އެބައޮތެވެ. އެއީ އަސްލަމްގެ މަގްބޫލް ކަމެވެ. ރައްޔިތުންގެ ތާއިދު އަސްލަމްއަށް އޮތް މިންވަރެވެ. އަސްލަމް އަކީ ރައްޔިތުންގެ ތާއީދު އޮތް ބޭފުޅެއް ކަމެވެ.
އަސްލަމް އަކީ މުސްޠަފާއަށް ވުރެ އެތަށް ގުނައެއް ތާއިދު އޮތް ބޭފުޅެއް ކަން 2004 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުން ވެސް ފެނިގެން ދިޔައެވެ. މުސްޠަފާ އާއި ވާދަ ކުރައްވައި އަސްލަމް ކުރި ހޯއްދެވީ މަޖިލިސް އިންތިހާބުގެ ރިކޯޑް އަދަދަށް ވޯޓު ހޯއްދަވައިގެންނެވެ.
"އަހާށުން، ބެނާށުން، ކެރާށުން" ބުނި މުސްތަފާއަކަށް އައްޑޫ ރައްޔިތުން ވޯޓެއް ނުދިނެވެ.
އެމްޑީޕީ އުފެދިގެން އައިރުވެސް އަސްލަމް އަކީ އެންމެ އެކްޓިވް އެއްބޭފުޅާއެވެ. އިސްލާހީ ހަރަކާތްތަށް އައްޑުއަތޮޅުގައި ފެށިގެން އައި އިރު އެކަންތައްތަކުގެ އެންމެ އިސްސަފުގައި އަސްލަމް ހުންނެވިއެވެ. ރައީީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހުވެސް އެމްޑީޕީގެ ހަރަކާތްތަކުގައި ހީވާގި ކަމާއި އެކު އަސްލަމް އުޅުއްވިއެވެ. ޚުދު ރައްޔިތުންގެ މަޖްލިސް ޖަލްސާތަކަށް ނުގޮސް ކަންނެލި އޮޑިފަހަރުގައި ރައީސް ނަޝީދާއެކު ކެމްޕެއިން ދަތުރުތަށް އަސްލަމް ކުރެއްވިއެވެ.
ޑރ، މުސްތަފާ ލުތުފީ އަށް ބަލާލާއިރު މުސްތަފާގެ ސިޔާސީ ހަޔާތް ފެށިގެން އައީ މައުމޫން ގެ އަރިހުންނެވެ. އެފަހުން މަޖްލިސް އަށް ކުރިމަތިލައި އަސްލަމް އާއި ވާދަ ކޮށް ނާކާމިޔާބުވުމުން މައުމޫނު ވެސް ގޮތަކަށް ބުނާނަމަ މުސްތަފާ ބާކީކޮށްލީއެވެ.
ރައްޔިތުންގެ ތާއީދު ނެއް މީހަކުން ކުރާނެ ބޭނުމެއް މައުމޫނުވެސް ނޯންނާނެތާއެވެ!. އެއަށްފަހު މުސްތަފާ ދެން ފެނިގެން ދިޔައީ ރައީސް ނަޝީދުގެ ކުރީގެ ރަނިންމޭޓު ޑރ.ވަހީދު އާއި އެކު ޤައުމީ އިއްތިހާތު ޕާރޓީ ގެ ނަމުގައި ޕާޓީއެއް އުފެއްދި ތަނެވެ.
އަދި އެމްޑީޕީ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރ ކަން ލިބިވަޑައިގެން ޑރ.ވަހީދަށް ވެސް "ބޭވަފާތެރިވެ" ޕާރޓީ ދޫކުރުމަށް ފަހު އެމްޑީޕީ އާއި ގުޅުނެވެ. މިފަދަ ބޭފުޅަކު އެމްޑީޕީއަށް ވަކި ވެވޭނީ ކޮން އިހުލާސްތެރި ކަމެއް ހެެއްޔެވެ؟ އަސްލަމް "ބޭވަފާތެރިވި" ކަމަށް ބުނާ އިރު މުސްޠަފާވެސް ވަނީ ބޭވަފާތެރިވެފައެވެ.
މުސްތަފާ އާއި އަސްލަމް އަށް ބަލާއިރު މުސްތަފާ އަކީ އެމްޑީޕީއަށް އާ ބޭފުޅެކެވެ. އަދި އެހެންމެ މުސްތަފާ އަކީ އައްޑުއަތޮޅަށް ވެސް އާ މޫނެކެވެ. އައްޑުއަތޮޅުގައި އާއިލާ ބޭފުޅުން ކޮޅެއް އުޅުއްވި ކަމަކު އުޅެ ބޮޑުވީ މާލޭގައެވެ.
އައްޑޫ ބަހުރުވައިން މުސްތަފާއަށް އެނގިލައްވާ ހަމައެކަނި ލަފުޒުތަކަކީވެސް "އަހާށުން ބެނާށުން ކެރާށުން" މިއެވެ. ހަޤީގަތަކީ މުސްތަފާއަކީ އަކީ ހަމަ ނަމެއްގައި އައްޑޫ ބޭފުޅެކެވެ.
ނަޝީދުގެ މި ނިންމެވުމުގެ ފަހަތުގައި ވަރަށް ގިނަ ސިއްރުތައް އެކުލެވިގެން ވެއެވެ. އަދި އެމަނިކުފާން ވިދާޅުވާ ފަދައިން ރަނިންމޭޓަކުގެ ކިބައިން އެމަނިކުފާން ބޭނުން އިތުރު ކަމެއް ނެތެވެ. ގޮޑި ހުސް ނުކުރަންވެގެން ނެގި ބޭފުޅަކަށް ވެދާނެއެވެ. އެކަމަކުވެސް ތާއިދު އޮތީ އަސްލަމްއަށެވެ.