Last Updated: April 19, 17:49
Friday, April 19, 2024
ކުޅިވަރު

ބާންލީ އަތުން ޔުނައިޓެޑް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ އަތުން 2-0 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ.

ރޭގެ ނަތީޖާއާއެކު 34 ޕޮއިންޓާ އެކު ޔުނައިޓެޑް އަދިވެސް އޮތީ ލީގުގެ ފަސްވަނައިގައެވެ. ރޭގެ މެޗުން މޮޅުވި ބާންލީ އޮތީ 30 ޕޮއިންޓާ އެކު ލީގުގެ 13 ވަނައިގައެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑްގެ އެންތޮނީ މާޝިއަލް އާއި ހުއާން މާޓާ އަށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ. އެ ފުރުސަތުތަކުގެ ބޭނުން ޔުނައިިޓެޑަށް ނުހިފުނުއިރު މެޗުގެ 39 ވަނަ މިނެޓްގައި ކްރިސް ވުޑް ވަނީ ބާންލީ އަށް ލީޑު ނަގާދީފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ބާންލީން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ޖޭ ރޮޑްރިގޭޒް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ބާންލީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މެޗުގެ ދެވަނަ ހާފްގައި ބާންލީގެ ގޯލަށް މާބޮޑު ނުރައްކަލެއް ޔުނައިޓެޑަށް ކުރެވިފައެއް ނުވެއެވެ.

މިއީ 1962 ވަަނަ އަހަރަށްފަހު ޔުނައިޓެޑްގެ ދަނޑުގައި ކުޅެ އެޓީމުގެ މައްޗަށް ބާންލީން ކުރި ހޯދި ފުރަތަމަ ފަހަރެވެ.

ޔުނައިޓެޑް ރޭ ބަލިވިއިރު ޓޮޓެންހަމް އިން ވަނީ 2-1 އިން ނޯވިޗް ސިޓީގެ މައްޗަށް ކުރި ހޯދާފައެވެ. ޓޮޓެންހަމްގެ ދެ ގޯލު ރޭގެ މެޗުގައި ކާމިޔާބުކޮށްދިނީ ޑެލެ އަލީ އާއި ސޮންއެވެ. މި މޮޅާއެކު ޓޮޓެންހަމް އޮތީ 34 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ.