އަންހެނުންނަށް ބަހާއި ބަރު އުޅަނދުފަހަރު ދުއްވަން ދަސްކޮށްދޭ ކޯހެއް ހިންގުމަށް މޯލްޑިވްސް ޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްޕީއެލް) އިން އިއުލާންކޮށްފިއެވެ.
އެމްޕީއެލްއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެކުންފުނިން ހިންގާ މިޕްރޮގުރާމަކީ އަންހެނުންނަށް ހާއްސަކޮށްގެން ބަރު އުޅަނދުފަހަރާއި ބަސް ދުއްވުމާއި އޮޕަރޭޓުކުރުމާ ގުޅޭ ތަމްރީނުތައް ދިނުމަށް ހިންގާ ހާއްސަ ޕްރޮގުރާމެއް ކަމަށެވެ. އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ކޮންމެ އަންހެނަކަށްވެސް މިޕްރޮގުރާމުގައި ބައިވެރިވެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މިޕްރޮގުރާމުގެ ދަށުން ބަރު އުޅަނދުފަހަރުގެ ތެރޭގަައި ހިމެނޭ ފޯކްލިފްޓާއި، ކެރޭނު ބޭނުންކުރުމުގެ ތަމްރީނުތައް ފޯރުކޮށްދެވޭނެއެވެ. އަދި އެކުންފުނިން ދުއްވާ ބަސްތައް ދުއްވުމުގެ ތަމްރީނުވެސް ފޯރުކޮށްދެވޭނެއެވެ. މިކޯހުގެ މުއްދަތަކީ ހަ މަސް ދުވަހެވެ.އެެމުއްދަތުގެ އެ މުއްދަތު ތެރޭގައި މިކޯހުގެ ބައިވެރިންނަށް ޚާއްޞަ ޢިނާޔަތްތަކެއް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. ޓިވެޓް އޮތޯރިޓީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމުގެ ދަށުން ހިންގާ މިތަމްރީނު ފުރިހަމަކުރާ ފަރާތްތަ ޓިވެޓް އޮތޯރިޓީގެ ތިންވަނަ ދަރަޖައިގެ ސަނަދެއް ލިބޭނެ ކަމުގައި އެމްޕީއެލުން ބުނެއެވެ.
އެގޮތުން ކޮންމެ މަހަކު ހަހާސް ރުފިޔާގެ އިނާޔަތެއް ލިބޭނެ ކަމުގައި އެކުންފުނިން ބުންޏެވެ. އަދި މިތަމްރީނުތައް ފުރިހަމަކުރާ ފަރާތްތަކަށް އެއުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ހޯދައިދެވޭނެ ކަމުގައާއި އެކުންފުނިން ދާއިމީ ވަޒީފާވެސް ލިބޭނެ ކަމުގައި ބުނެފައިވެއެވެ.