Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ބްލެކްމެއިލްކޮށް 14 އަހަރުގެ ކުއްޖަކު ރޭޕްކުރީ ސިފައިންގެ މީހެއް

ބްލެކްމެއިލްކޮށް 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފައި ސިފައިންގެ މީހަކު ކަމަށް އެނގިއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މިކަން ހިނގީ މާލޭގައި ކަމަށެވެ. އަދި އެކަމުގެ ތުހުމަތުގައި އުމުރުން 36 އަހަރުގެ ފިރިހެނެއް ރޭ ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ފުލުހުން ބަލަމުންދާ މައްސަލައެއްގައި ސިފައިންގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ރަސްމީކޮށް ފުލުހުން އެމްއެންޑީއެފަށް އަންގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމާއި، ބްލެކްމެއިލް ކުރުމުގެ އިތުރުން ރޭޕް ކުރުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މިރޭ 18:30 ހާއިރު ކަމަށެވެ.

14 އަހަރު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ބަލަން ފަށާފައި މިވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ހާދިސާއަށްފަހު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ގިނަ މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.

އެގޮތުން ދެކުނުގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލާގައި ފުލުހުން ވަނީ 80 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

މީގެއިތުރުން ދެކުނުގެ ރަށެއްގައި އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 76 އަހަރުގެ ދިވެހި ފިރިހެނެއް ވެސް މިއަދު ވަނީ ހައްޔަރުކޮށްފައެވެ.