އައިޖީއެމްއެޗްއަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ ގައިދީއަކު ފިލައިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ކަރެކްޝަންސް އިން ބުނީ ހޯދަމުން ދަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ފިލާފައި ވަނީ މިއަދު އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް ގެނައި ވަގުތު ކަމަށް އޭނާ ބުންޏެވެ.
އޭނާއަކީ އުމުރުން 24 އަހަރުގެ އައިސަރު ނަސީމް ނަމަކަށް ކިޔާ މީހެކެވެ. އޭނާ އައިޖީއެމްއެޗަށް ގެނައީ މިއަދު ހެނދުނު 8:24 އެހާކަށްހާއިރުއެވެ.
ކަރެކްޝަނުން ބުނީ އޭނާއާ އެކުގައި ކަރެކްޝަންސްގެ ދެ އޮފިސަރުންވެސް ތިބި ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ކަރެކްޝަނުން ބުންޏެވެ. އަދި އޭނާ ފިލި ގޮތް ބަލަމުން އަންނަ ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި 24 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެންގޮސްފައި ވަނިކޮށް ފިލާފައިވާ ކަމުގެ މައުލޫމާތު މިއަދު ކަރެކްޝަންސް އިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.