Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ޖިންސީ އަނިޔާ ދިނުމަށް ހިތްވަރު ދޭ އެމްޑީޕީ މެންބަރުންނަށް ފިޔަވަޅު އަޅަނީ

އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން --

ކުޑަކުދިންނަށް ޖިންސީ އަނިޔާ ދިނުމަށް ހިތްވަރު ދޭ ސަރުކާރު ހިންގާ މައިޕާޓީގެ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ހުއްޓުވުމަކީ އެޕާޓީގެ އެންމެ މައި އެއް ވިސްނުން ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަދައްކާ އަދި އަމަލުކުރާ މެންބަރުން ދެނެ ގަތުމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން މިއަދު 12:00ގައި ބައްދަލުވާނެ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން މިފަދައިން ބުނެފައި މިވަނީ އުމުރުން ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ރަސްމީ އިދާރާތަކުން ބުނާ ވާހަކަވެސް ގަބޫލުނުކޮށް، ވާހަކަދެއްކި އެމްޑީޕީގެ ކެންޑިޑޭޓަކަށް ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. ފާޑުކިޔުން އަމާޒުވެފައި ވަނީ ގއ.ކަނޑުހުޅުދޫ މަދީހާ އަބްދުﷲ އަށެވެ. އޭނާ އަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓް ހޯދުމަށް ޕްރައިމަރީއަށް ކުރިމަތިލާފައިވާ މީހެކެވެ. އަދި އޭނާ އަކީ ދެއަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކާފަގެ ކޮއްކޮ އެކެވެ.

ބައެއް ފަރާތްތަކުން ދަނީ މަދީހާގެ ކެންޑިޑެސީ ބާތިލުކުރުމަށް ވެސް ގޮވާލަމުންނެވެ.