ސަސްޕެންޑު ކޮށްފައިވާ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލަ އަވަސް ކޮށްދިނުމަށް ހައިކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މިއަދު އެދިއްޖެއެވެ.
ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑު ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޑު ކުރުމާއި ގުޅޭ ގޮތުން ޖޭއެސްސީން މީގެކުރިން ބުނެފައިވަނީ 2014 ވަނަ އަހަރު އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހަސަން އަލީ ހުންނެވި ދުވަސްވަރު ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓުގެ ދެ އޮފިސަރަކާއި ގުޅިގެން ނޫސްވެރިޔާ އަހުމަދު ރިލްވާން ރާއްޖެ އިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކާ ޓްރެވަލް ޑޮކިއުމެންޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ މަރުތަކާ ބެހޭ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނާތީ ކަމަށެވެ.
އެ މައްސަލައިގެ ކުރިންވެސް ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ޖޭއެސްސީން ދިޔައީ ބަލަމުންނެވެ. ނަމަވެސް އޭރު ހަސަން އަލީއާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅައެވެ.
ފަނޑިޔާރު ހަސަން އަލީގެ އިތުރުން ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ މައްސަލަތަކެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އަދި އެކޯޓުގެ ފަނޑިޔާރު ޝަހީދު އަލީގެ މައްސަލައެއްވެސް އަންނަނީ ބަލަމުންނެވެ.