Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

ރައީސްގެ އެމެރިކާ ދަތުރުފުޅުގެ ޓިކެޓަށް ދެ މިލިއަން، ދަތުރުކުރީ ބިޒްނަސް ކްލާހުގައި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކުގައި--

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އަހަރު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ޓިކެޓަށް އެކަނިވެސް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ އަރާފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ "ދިޔަރެސް" ނޫހުން ރައީސްގެ އެމެރިކާ ދަތުރުފުޅުގެ ތަފްސީލް ހާމަ ކޮށްދިނުމަށް އެދި ރައީސް އޮފީހުގައި އެދުމުންވެސް އެ މައުލޫމާތު ހިއްސާ ނުކުރުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައުލޫމާތު ދިނުމަށް ރައީސް އޮފީހަށް އެންގުމުންނެވެ.

ރައީސް ސޯލިހު އެމެރިކާއަށް ދަތުރު ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21އިން 30ގެ ނިޔަލަށެވެ. އެ ދަތުރުގައި ބައިވެރިވި ހުރިހާ ފަރާތްތަކުގެ ޓިކެޓުގެ ހަރަށް 2،057،536،86 ރުފިޔާ ހަރަދުވިއެވެ. އަދި އެ ދަތުރުގައި ވަޑައިގެންނެވި ހުރިހާ ފަރާތްތައްވެސް ދަތުރު ކުރައްވާފައި ވަނީ ބިޒްނަސް ކްލާހުގައެވެ. މި ދަތުރުގައި ރައީސްއާ އެމަނިކުފާނާއި އެކު ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ތިއްބެވީ ކޮން ފެންވަރެއްގެ ހޮޓަލެއްގައިކަން ސާފެއް ނުވެއެވެ.

އެހެންނަމަވެސް ހުރުމާއި ފަރިއްކޮޅުގެ ހަރަދަށް 1،855،388.2 ރުފިޔާ ހަރަދު ކޮށްފައިވެއެވެ. ޕޮކެޓު މަނީގެ ގޮތުގައި 141،595 ހަރަދުވިއިރު އިންސިޑެންޝަލް އަށް 98،652.04 ރުފިޔާ ހަރަދުވެފައިވެއެވެ.

މި ދަތުރުފުޅުގައި ޖުމްލަ 4،171،823.42 ހަރަދުވެފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރި ތަފްސީލުގައިވެއެވެ. އެހެންނަމަވެސް މީގެކުރިން ރައީސް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން އެމަނިކުފާނު ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވެފައި ވަނީ ރައީސްގެ ދަތުރުފުޅަށް ހަރަދުވެފައި ވާނީ ތިން މިލިއަނެއްހާ ރުފިޔާ ކަމަށެވެ.