އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީއަށް ވިދިވިދިގެން 12 ވަނަ ފަހަރަށް އިންޑިއާގެ އެންމެ މުއްސަދި މީހާގެ މަގާމު ލިބިއްޖެއެވެ.
ފާއިތުވި 2019 ވަނަ އަހަރު މުކޭޝް އަމްބާނީގެ މިލްކިއްޔާތުގައި 58.4 ބިލިއަން ޑޮލަރ ހިމެނެއެވެ.
އެމެރިކާގެ މަޝްހޫރު މަޖައްލާއެއްކަމުގައިވާ ފޯބްސްއިން ހާމަކުރި ގޮތުގައި އިންޑިއާގެ 15 ބިލިއަނަރުންގެ ޖުމުލަ މިލްކިއްޔާތުގައި 197.8 މިލިއަން ޑޮލަރ ހިމެނެއެވެ.
ފޯބްސް އިން ތައްޔާރު ކުރި ރިޕޯޓެއްގައި ވާގޮތުގައި އިންޑިއާގެ ވަރަށް ގިނަ ބިލިއަނަރުންގެ މުއްސަނދިކަން 2019 ގައި ދަށަށް ދިޔައެވެ. ނަމަވެސް މުކޭޝް އަމްބާނީއަށް އިންޑިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު ވިދިވިދިގެން 12 ވަނަ ފަހަރަށް ލިބުނެވެ.
އޭޝިއާގެ އެންމެ މުއްސަނދި މީހަކީ ވެސް މުކޭޝް އަމްބާނީއެވެ. އޭނާއަކީ ވަރަށް ގިނަ ތަފާތު ވިޔަފާރި ހިންގާ މީހެކެވެ. އޭގެތެރެއިން އެންމެ ފައިދާބޮޑު ވިޔަފާރިތަކުގެތެރޭގައި ޕެޓްރޯ ކެމިކަލް، ތެލާއި ގޭހުގެ ވިޔަފާރި، ޓެލެކޮމްގެ ވިޔަފާރި ހިމެނެއެވެ.
އިންޑިއާގެ ބިލިއަނަރުންގެ ތެރެއިން ދެވަނައިގައި ހިމެނެނީ ސޮފްޓްވެއާރގެ ވިޔަފާރިކުރާ ޝިވް ނާޑަރު 74އ އެވެ. އޭނާގެ މިލްކިއްޔާތުގައި 15.3ބިލިއަން ޑޮލަރ ހިމެނެއެވެ.
އިންޑިއާގެ ބިލިއަނަރުންގެތެރެއިން ތިންވަނައިގައި ހިމެނެނީ ބޭންކް ވިޔަފާރި ހިންގާ އުދޭ ކޮޓަކު 60އ އެވެ. އޭނާގެ މިލްކިއްޔާތުގައި ވެސް 15 ބިލިއަން ޑޮލަރ ހިމެނެއެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހަކީ މަޝްހޫރު އެމޭޒަން ކުންފުނީގެ ބާނީ ޖެފް ބެޒޯސްއެވެ. އޭނާގެ މިލްކިއްޔާތުގައި 117.5 ބިލިއަން ޑޮލަރ ހިމެނެއެވެ.
އިންޑިއާގައި މިލިއަނަރުންނާއި ބިލިއަނަރުން ތިއްބަސް އެގައުމުގެ ފަގީރުންގެ އަދަދު އެތައްސަތޭކަ މިލިއަނުން ގުނާލެވެއެވެ.