Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

ލިވަޕޫލަށް ލީގުގައި ޖެހިޖެހިގެން 14 ވަނަ މޮޅު

ވުލްވްސް އަތުން 2-1 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލުން ލީގުގައި ޖެހިޖެހިގެން 14 މޮޅު ހަމަކޮށްފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 67 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 51 ޕޮއިންޓާ އެކު މެންޗެސްޓަރ ސިޓީ އޮތްއިރު ތިންވަނައިގައި 48 ޕޮއިންޓާ އެކު އޮތީ ލެސްޓަ ސިޓީއެވެ.

ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 8 ވަނަ މިނެޓްގައި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ލިވަޕޫލްގެ ލީޑު ފުޅާކޮށްލަން މުހައްމަދު ސަލާހަށް ވަނީ ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ވުލްވްސް އިން ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރިއިރު މެޗުގެ 51 ވަނަ މިނެޓްގައި ރައުލް ހިމިނޭޒް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލަށްފަހު ވެސް ވުލްވްސް އިން ވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.

ލިވަޕޫލަށް މި ހާފުގައި މާގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ނުވި ނަމަވެސް މެޗުގެ 84 ވަނަ މިނެޓްގައި ރޮބާޓޯ ފަމީނޯ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން ތިން ޕޮއިންޓު ލިވަޕޫލަށް ކަށަވަރުކޮށްދީފައެވެ.

ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތްއިރު އެޓީމު އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ. ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާއެވެ.