Last Updated: April 24, 12:56
Wednesday, April 24, 2024
ދުނިޔެ

ސަރުކާރުގެ ވެރިންނަށް ހެއު ވިސްނުން ދެއްވާށި!

ކައިވެނީގެ ހަނީމޫންގެ ދުވަސްތައް ފާއިތުވެގެންދާހެން ޕާކިސްތާނުގެ އައު ސަރުކާރުގެ މާމުއި ހަނދުގެ ދުވަސްތައް ވެސް ފާއިތުވެގެން ހިނގައްޖެއެވެ. ރޭކާވެސް ނުލާ ތިއްބައެވެ. ދޮޅުއަހަރު ފާއިތުވެގެންދިޔައީއެވެ.

ވަގުތުތައް ފާއިތުވެގެންދާވަރަކަށް ނުކުރެވި ހުރި ހުރިހާ ކަމެއް އަޅުވަމުންދަނީ ކުރީގެ ސަރުކާރުގެ ބޮލުގައެވެ. ވެރިކަމުގައި ތިބި މީހުންނަށް ވަގަށް ގޮވައި ކޮރަޕްޝަނަށް ގޮވައި ވެރިކަން ހޯދި މީހުން، ކުރާ ވައްކަމާއި ހިންގާ ކޮރަޕްޝަންގެ ވާހަކައިގެ އަޑުން ޖައްވާއި ފަޒާ ގުގުމަމުން އެބަދެއެވެ.

ހުސް ވަގުން! ހައްތާވެސް ވަގުން! ހުސްވަގުން!
އައު ގައުމެއް އުފެއްދުމުގެ ހުވަފެން،
ގައުމުން ފަގީރުކަން ނައްތާލުމުގެ ޔަގީންކަން،
މިލިއަން ވަޒީފާ އުފެއްދުމުގެ ވައުދު،
50 ލައްކަ ގެ އެޅުމުގެ ކަށަވަރުކަން،
ގައުމުގެ ޚަޒާނާއިން ވައްކަން ކުރުމާއި ކޮރަޕްޝަން ހިންގުންް ނައްތާލުން،
ލޯނު ނެގުން ހުއްޓައި ދަރަނިވެރިކަމުން މިންޖުވުމުގެ ސަޅި ބައިސާ،
މުއްސަނދީންނާއި ފަގީރުންނަށް ހަމަހަމަކަން ހޯދައިދިނުން،
އަދުލުއިންސާފު ހުދު ސާލެއްހެން މުޅިގައުމަށް ފެތުރުން،
ފުލުހުން އިސްލާހުކުރުން،
ދައުލަތުގެ ހަރަދު ބޮޑުތަނަކުން ކުޑަކުރުން،
ރަށްވެހިގެތައް މަދުރަސާތަކަށް ބަދަލުކުރުން،

ސިޔާސީ ލީޑަރުން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކުރެއްވި، އުސްފަރުބަދަތަކެއްހެން ހީވާ ވައުދުތައް ހުރިގޮތަށް ރޮލާ އެބަހުއްޓެވެ. ދެން ތިބެގެން ކިޔަނީ ތިކަން ނުވީ، މިކަން ނުވީ، އެކަން ނުވީ، ކުރީގެ ސަރުކާރުން ކަންތައް ކުރިގޮތުގެ ސަބަބުންނެވެ. ހާވާފައި ހުރި ހަޑީގެ ސަބަބުންނެވެ.

މުދަލުގެ އަގު ބޮޑުވަނީއެވެ. ޑޮލަރުގެ އަގު އުފުލެނީއެވެ.. ޓޮމާޓޯގެ އަގު ފަލަވަނީއެވެ. ފުށުގެ އަގު އަތްނުފޯރާ ހިސާބަށް ހިނގައްޖެއެވެ. ރައްޔިތުން ހަނާހުނި ވަނީ އެވެ. ހާސްވެ ކަޅިއަރަނީއެވެ. މުދުނަށް ދެލޯއަރަނީއެވެ.

ރައްޔިތުން އައު ސަރުކާރެއް ގެނައީ އަނިޔާވެރިކަމުން މިންޖުވުމަށެވެ. ކޮރަޕްޝަން ނައްތާލުމަށެވެ. އަދުލުއިންސާފު ޔަގީން ކުރުމަށެވެ. ފަސް އަހަރުން ދޮޅުއަހަރު ހިނގައްޖެއެވެ. އެކަމަކު ވީކަމެއް ހަރާމެވެ. ކުރިން ރުއި ގޮތަށް ރައްޔިތުން ރޯންފަށައިފިއެވެ. ގައުމު ބަރުބާދުވަމުން ދާތީއެވެ. އިގުތިސާދު ފުނޑި ކުދިކުދި ވަމުންދާތީއެވެ.

ބޯހިޔާވަހިކަމެއް ލިބޭނޭކަމުގެ ޔަގީންކަމެއް ނެތެވެ. ވަޒީފާ ލިބޭނޭ ލިބޭނޭ، ދޭނަމޭ ދޭނަމޭ ކިޔަސް ލިބޭނޭކަމުގެ އުއްމީދެއް ނެތެވެ. މާޔޫސްކަމެވެ. ނާއުއްމީދެވެ.

އައު ސަރުކާރުގެ ވައުދުތައް ފުއްދާނޭކަމަށް ދެކެމުންއައި ހުވަފެންތައް ބިލާހަކަށް ވެއްޖެއެވެ. ސަރުކާރު ޚިދުމަތުގައި ދިރި ދެމިގެންދާނީ ރަނގަޅު ލައިނުންކަމަށް ހީކުރި ހީކުރުން ކުށްހީއަކަށް ވެއްޖެއެވެ. ގައުމުގެ އިގުތިސާދު ވެއްޓެމުންދަނީ ފުންމިންނޭނގޭ ވަޅުގަނޑަކަށެވެ. މުސާރަ ބޮޑުނުވެ، ތަކެތީގެ އަގު ބޮޑުވަނީއެވެ. ގޭހާއި ކަރަންޓުގެ އަގު ބޮޑުވަނީއެވެ. ޓެކުހަކަށްފަހު ޓެކުހެއް ނަގަނީއެވެ. އެކަމަކު …. ގައުމުގެ ޚަޒާނާ ދަނީ ހުލިވަމުންނެވެ. މުނިފޫހިފިލުވުމަށް ވެރިންކުރައްވާ ދަތުރުތަކުގެ ހިސާބު ގުނެމުންދަނީ މިލިއަނުން މިލިއަނުންނެވެ. ދައުލަތުގެ ދަރަނި ގުނެމުންދަނީ ބިލިއަނުން ބިލިއަނުންނެވެ.

ވެރިކަމަށް އައުމަށް ކުރި ވައުދުތައް ފުއްދަން ގުރުބާން ކުރަމުން ދަނީ ބުރަމަސައްކަތުން ލޭއޮހުރުވައިގެން ރައްޔިތުން ހޯދާ ލާރިކޮޅެވެ. ސަރުކާރުން އެލާރިކޮޅު ފޭރިގަންނަނީ ޓެކުގެ ނަމުގައެވެ. ސިޔާސީ މީހުން ބޮޑު މުސާރަ ހޯދަނީ ރައްޔިތުން ފެލައިގެންނެވެ. އަޑުގަދަ މީހާ ހިމޭން ކުރުމަށް ދޭންޖެހެނީ މިނިސްޓަރ ކަމެވެ. އޭނާގެ އަނބިކަނބަލުންނަށް އެހެން މިނިސްޓަރެއްގެ ނައިބުކަމެވެ. މުސާރަ ދޭނީ ރައްޔިތުންގެ ޓެކުހުންނެވެ. އެމީހުންގެ މުސާރަ 60 ހާހުންނެވެ. އާދައިގެ ރައްޔިތުމީހާއަށް މިއުޅެނީ 6 ހާސްރުފިޔާގެ މުސާރައެއްވެސް ނުލިބިގެންނެވެ. މިއީ ކޮންކަހަލަ ވެރިކަމެއް ހެއްޔެވެ؟ މިއީ ކޮންކަހަލަ އިންސާފެއްހެއްޔެވެ؟

ވެރިކަން ކުރަމުންދަނީ އެތައް ޕާޓީއެއް ގުޅިގެން އުފައްދާފައިވާ މަސްހުނި ސަރުކާރަކުންނެވެ. އިއްތިހާދުގައި އިތުބާރެއް، ގުޅުމެއް، ބަދަހިކަމެއް، އެކުވެރިކަމެއް، ނެތެވެ. އެއްބަޔަކު އަނެއްބަޔަކަށް ފާޑުކިޔަނީއެވެ. ގުދޯ ގުދޯ ގޮވަނީއެވެ. އެއްބަޔަކު ބުނަމުންދަނީ ވިހިވިއްސަކީ ތަރައްގީއާއި ބަދަލުގެ އަހަރުކަމަށެވެ. އަނެއްބަޔަކު ބުނަމުންދަނީ ވިހިވިއްސަކީ ޣަރަޤުވުމުގެ ފެށުންކަމަށެވެ. މި އަހަރު އިވެމުންދާނީ ނުރައްކަލުގެ ރަނގަބީލުކަމަށެވެ.

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ! ސަރުކާރުގެ ވެރިންނަށް ހެއުވިސްނުން ދެއްވައި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ހެއު ތައުފީޤު ދެއްވާދޭނވެ! ކްރިކެޓުގައި ހޯދި ފަދަ މަތިވެރި ކާމިޔާބީއެއް، ވެރިކަން ހިންގެވުމުގައި ވެސް ބޮޑުވަޒީރު ޢިމްރާން ޚާނަށް މިންވަރުކޮށްދެއްވާނދޭވެ!