Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

"އެންމެ މުހިއްމީ އާމްދަނީއާ ވަޒީފާތައް އިތުރުކުރެވޭ މަސައްކަތް އައްޑޫގައި ހިންގުން"

އައްޑޫ ސިޓީގައި ކުރިޔަށްދާ ވޯކްޝޮޕްގައި ރައީސް ނަޝީދު (ވ) އަދި އައްޑޫއަށް ނިސްބަތްވާ މަޖިލިސް މެންބަރުން -- ފޮޓޯ/ އެމްޑީޕީ

އެންމެ މުހިއްމު އަދި އެންމެ ބޮޑު ވައުދަކަށް ވާންޖެހޭނީ އާމްދަނީ އިތުރުކުރެވި ވަޒީފާތައް އިތުރު ކުރެވޭނެ މަސައްކަތްތައް އައްޑޫ ސިޓީގައި ހިންގުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ތައްޔާރީތަކަށް އައްޑޫގެ މެނިފޯސްޓާ އެކުލަވައިލަން މިއަދު ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ފެށި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓުން އައްޑޫ ސިޓީ ކައުންސިލަށް 73 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އައްޑޫ ސިޓީ ކައުންސިލަށް އެހެނިހެން ގޮތް ގޮތުން ލިބޭ އާމްދަނީއާ އެކުގައި މުޅި ބަޖެޓުގެ ޖުމްލަ މިންވަރު 80 މިލިއަނަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެންމެ މުހިއްމު ކަމަކަށް ރައްޔިތުން ބަލާނީ ރައްޔިތުންނަށް ކައުންސިލުން ކޮށްދެވޭނެ ކަންތައްތައް ކަމަށެވެ. އަދި އޭޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓު ދޭނީ އެކަންކަމުގެ މައްޗަށް ބިނާކޮށް ކަމަށްވެ ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ވިދާޅުވީ ކައުންސިލްތަކުގެ މަސައްކަތްތައް ބައްޓަން ކުރަން ޖެހޭނީވެސް ރައްޔިތުން ގާތު ވެފައިވާ ވައުދުތަކާއި އެއްގޮތަށް ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުން ވައުދުވާން ޖެހެނީ އައްޑޫގެ ތަރައްގީ އަށް ކަމަށާއި އެންމެ މުހިއްމު ކަމަކީ ލިބޭ އަމްދަނީ ސިޓީ ތެރޭގައި ހިފަހައްޓަައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ކަމަށް ވެސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.