Last Updated: April 19, 06:24
Friday, April 19, 2024
ޚަބަރު

ކަންކަން ނުވާނަމަ ބަސް ބުނާނަން، ހައްގު ހޯދައިދޭނަން: ނިޒާރު

އައްޑޫ ސިޓީގެ މޭޔަރަކަށް އިންތިޚާބުވެއްޖެނަމަ، މި ސިޓީއަށް ބޭނުންވާ ކަންކަން ނުކުރެވޭނަމަ ބަސް ނުބުނެ ނުހުންނާނެ ކަމަށް ޕްރައިމަރީއަށް ކުރިމަތިލާފައި ހުންނެވި ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އައްޑޫ ސިޓީއަށް ފާއިތުވެދިޔަ އަހަރުތަކުގައި ގެނެސްދީފައިވާ ހަގީގީ ތަރައްގީއެއް ނެތް ކަމަށެވެ. މިސިޓީއަށް ކުރެވިފައި އޮތް ކަމަކީ، ގުދުރަތީގޮތުން ރަށްތަކެއް އުފެދިފައި އޮތީތީ، އަދި ބަޔަކު ދިރިއުޅެމުންދާތީ ކުރަން ޖެހިފައި ހުރި ކަންތައް ކަމަށެވެ.

ގިނަ ރައީސުން އައިސް، ގިނަ ވެރިކަންތަކެއް ތަޖުރިބާ ކުރެވިފައިވާ ކަމަށާއި، އައްޑޫ ރައްޔިތުން އެދޭ ހަގީގީ ބަދަލެއް ނާދެވި ސިޓީގެ ގިނަ ރައްޔިތުން އުފަން ބިން ދޫކޮށް މާލެއަށް ހިޖުރަ ކުރަން ޖެހުނު ކަމަކީ އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަގީގީ ބަދަލެއް، ތަރައްގީއެއް ނުގެނެވި މިސިޓީއިން ހިޖުރަ ކުރި ރައްޔިތުން އަނބުރާ ނުގެނެވޭނެ ކަމަށާއި އެބަދަލު ހޯދަން، ރައްޔިތުން އޭނާ އިންތިޚާބު ކޮށްފިނަމަ ކުރަން ޖެހޭ އެއްވެސް ކަމެއް ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ނިޒާރު ވަނީ އަރުވާފައެވެ.

ކަންކަން ނުވާއިރު ވެސް ސުވާލުނުކޮށް، "ޗުޕުވެސް ނުބުނެ" ނުހުންނާނެ ކަމަށާއި ކަންކަން ނުވާނަމަ ނުވާ ސަބަބު ހޯދައި އެކަން ކުރުވައި އައްޑުއަށް ލިބެންވާ ތަރައްގީ ގެނެސްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާރު ވަނީ އައްޑޫގެ 7 ގޮނޑި ސަރުކާރު ހިންގާ އެމްޑީޕީއަށް ދީފައިވާއިރު އަހަރެއް ފާއިތުވެގެންދާއިރު އައްޑޫއަށް ކަމެއް ނުވާއިރު ސުވާލުނުކޮށް ބަސް ނުބުނާތީ ވެސް ފާޑުވިދާޅުވެފައެވެ.

ހަތް މެމްބަރުން ވެސް ދެވިދާނެ ކަމަށާއި 12 ކައުންސިލަރުން ވެސް އައްޑޫއިން (އެމްޑީޕީއަށް) ދެވިދާނެ ކަމަށާއި ނަމަވެސް ކަންކަން ނުކުރެވޭނަމަ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލައެއް އޮތް ކަން ހަމައެކަނި ގަބޫލުކޮށްގެން ތިއްބަސް ނުފުދޭ ކަމަށާއި، އެ މައްސަލަ ދިމާވަނީ ކީއްވެތޯ، މައްސަލަ ހައްލުކުރާނީ ކިހިނެއްތޯ ބަލައި މަޝްވަރާ ކޮށްގެން، އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާ ކަން ވެސް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް ފަހު، މިފަހަރު ސިޓީ ކައުންސިލްތަކުން މޭޔަރުު އިންތިޚާބުކުރުމަށް ސީދާ ރައްޔިތުންނަށް ވޯޓަކުން ފުރުސަތު ދީފައިވާއިރު އައްޑޫ މޭޔަރުކަމަށް ނިޒާރުގެ އިތުރުން މިހާރުގެ މޭޔަރ އަބްދުﷲ ސޯދިގް އަދި އެމްޑީޕީގެ އައްޑޫ ރައީސް އަހުމަދު އަދުހަމް ވަނީ ވާދަކުރުމަށް ނިންމާފައެވެ.