ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބައެއް ސިޓީ ކައުންސިލްތަކުގައި ހިމެނޭ އަވަށްތަކާއި ގުޅިގެން ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެހެންނަމަވެސް އެންމެ ބުއްދިވެރި ގޮތަކީ ސިޓީން ވަކިނުވެ އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ތައްޔާރީތަކަށް އައްޑޫގެ މެނިފޯސްޓާ އެކުލަވައިލަން މިއަދު ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ފެށި ވޯކްޝޮޕްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބާއި ގުޅިގެން މީހުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބަ އޮތް ކަމަށާއި ނަމަވެސް އެންމެ ބުއްދިވެރި ގޮތަކީ ސިޓީ ކައުންސިލްގައި ރަށްތައް އޮވެ، ރަށްރަށާއި އަވަށްތައް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ސިޓީން ވަކިނުވި ކަމުގައިވީ ނަމަވެސް ލާމަރުކަޒީ ގާނޫނު އޮތް ގޮތުން ރަައްޔިތުންނާއި ގާތުން އެރަށެއްގެ މީހުންނަށް ހިދުމަތް ދެވޭނެ ނިޒާމުތަކެއް ގާއިމްކުރެވިފައިވާ ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލުން ހަދާ ގާނޫނެއްގެ ދަށުން ސިޓީގެ ވަކިވަކި އަވަށުގައި އަވަށު ބޯޑު ގާއިމުކޮށް އޮފީސްތައް ބަހައްޓައިގެން ރައްޔިތުނާ ގާތުން ހިދުމަތް ދެވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީއިން ވަކިވެ، ރަށެއްގެ ހައިސިއްޔަތު ހޯދުމަށާއި އެ ދެ ރަށުގައި ރަށު ކައުންސިލް އުފެއްދުމަށް، އެ ރަށުގެ ރައްޔިތުން ސޮއިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެފައި ވަނިކޮށެވެ. ހުޅުދޫ އަދި މީދޫގެ އިންތިޒާމް ކޮމިޓީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅާ ޕެޓިޝަންގައި ބުނެފައި ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވަނީ ދެ ރަށުގައި ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ކަމަށެވެ. އަދި އެ ކައުންސިލަކީ ރާއްޖޭގެ އެހެން ކައުންސިލްތަކަށް ވެސް ގާނޫނީ ގޮތުން ލިބިދޭ އެންމެހާ ބާރުތައް ލިބިދީފައިވާ ކައުންސިލަކަށް ހެދުމަކީ އެ ދެ ރަށުގެ ރައްޔިތުންގެ އެދުމެއް ކަމަށެވެ.
މިކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން މި ރަށްރަަށް ވަކި ކުރުމުގެ ބަދަލުގައި، ސިޓީ ކައުންސިލްގައި އެ ސިޓީގެ ހުރިހާ ރަށެއް ހިމެނި، މުޅި ސިޓީގެ ތަރައްގީއަށް މަސައްކަތް ކުރާނެ ސިޓީ ކައުންސިލެއް އުފެއްދުން މާ ބޮޑަށްވެސް ބުއްދިވެރިވާނެ ކަމަށެވެ.
މިއަދާއި ހަމައަށްވެސް ހުޅުދޫ އާއި މީދޫއަށް ދޭންޖެހޭ ހިދުމަތްތައް ވެސް ދެމުން އަންނަނީ ހިތަދޫގައި ހިންގާ ސިޓީ ކައުންސިލުގައި މަޝްވަރާ ކުރެވި މެޖޯރިޓީން ފާސްވާ ގޮތަކަށް ކަމަށް ބުނެ އެ ޕެޓިޝަންގައި ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
ލާމަރުކަޒީ ނިޒާމަކީ 2011ވަނަ އަހަރު ރާއްޖެއަށް ތައާރަފު ކުރެވުނު ނިޒާމެކެވެ. އޭރުއްސުރެ އައްޑޫ އަކީ ސިޓީއެއްގެ ދަރަޖަ ދީފައިވާ އަތޮޅެކެވެ. ގާނޫނު ބުނާ ގޮތުން އޭރު ސިޓީއަކަށް ވެވޭނީ 30،000 މީހުންގެ އާބާދީއެއް އޮންނަ ކަމަށްވާނަމައެވެ. އައްޑޫ ސިޓީއަށް ސިޓީގެ ދަރަޖަ ދިންއިރު އެ ސިޓީއަށް 30،000 މީހުން ހަމަވެގެން ދިޔައީ ހުޅުދޫ އަދި މީދޫގެ 7000 މީހުން ހިމަނައިގެންނެވެ.
ނަމަވެސް މިހާރު ގާނޫނު އޮންނަ ގޮތުން 10،000 މީހުންގެ އާބާދީއަކީ ސިޓީއެކެވެ. އެހެންކަމުން އެ ޕެޓިޝަންގައި ހުޅުދޫ އާއި މީދޫ ނުލައި ހަމައެކަނި ހިތަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި ވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.
އެ ޕެޓިޝަންގައި ފުވައްމުލަކު ސިޓީގެ ވާހަކަވެސް ވަނީ ހިމަނާފައެވެ. އެގޮތުން އެ ސިޓީއަކީ ވެސް އެންމެ ރަށެއްގެ މައްޗަށް އެކުލެވޭ އަތޮޅަކަށް ވުމުން، ހުޅުދޫ މީދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އެމީހުންނަށް ކުރިމަތިނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މުޅި ހދ. އަތޮޅު ސިޓީއަކަށް ބަދަލުނުކޮށް ހަމައެކަނި ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ހދ. ނޮޅިވަރަމައި އެރަށާ ޖެހިގެން އޮތް ހދ. ނޮޅިވަރަންފަރަށް ރަށު ކައުންސިލެއް ދެވުނު ހައިސިއްޔަތު، ސި. ހިތަދޫ އާއި ދިހަ މޭލު ދުރުގައި އޮތް ހުޅުދޫ އާއި މީދޫއަށް ރަށު ކައުންސިލެއް ނުލިބެންވީ ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީއަށް 13 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.