ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާދެއްވަން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ގޮވާލައްވައިފިއެވެ.
ހަސަން ލަތީފް މިފަދައިން ގޮވާލާފައި މިވަނީ އަންހެން ކުދިން ހިތާނުކުރުމާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީގައި ރައުޔަކަށް އެދިފައިވާ މައްސަލައާ ގުޅިގެންނެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް އަންހެން ކުދިން ހިތާނަ ކުރުމާއި ގުޅޭ ރައުޔުއަކަށް އެދިފައެވެ. އެގޮތަށް ރައުޔުއަކަށް އެދުނީ، އެޗްޕީއޭއިން އެގޮތަށް އެދުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް ފަހުން ހެލްތު މިނިސްޓަރު އަމީން ވަނީ މެމޯއެއް ފޮނުވައި އެ ސިޓީ ބާތިލުކުރައްވައިފައެވެ. މިނިސްޓަރު އަމީން އެ މެމޯގައި ވިދާޅުވީ އަންހެން ކުދިން ހިތާނަ ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަށް ސަރުކާރުން ހިތްވަރު ވެސް ނުދޭ ކަމަށެވެ.
މިނިސްޓަރު އަމީންގެ ވާހަކައަށް ރައްދު ދެއްވައި ހަސަން ލަތީފް މިއަދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސައްކަތް ކުރަން އެނގޭ ބައިވަރު މީހުން އެބަތިބި ކަމަށާއި އެގޮތަށް ޒިންމާދާރުކަމާ އެކު މަސައްކަތް ނުކުރެވޭ ނަމަ އިސްތިއުފާދެއްވުމަށެވެ.
އަންހެން ކުދިން ހިތާނަ ކުރުމާއި ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހިތާނަ ކުރުމޭ ކިޔައިގެން އެ ކުރެވެނީ އެ ކުދިންނަށް ޖިންސީ އަނިޔާ ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވަނީ އަންހެނުން ހިތާނުކުރުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމަށެވެ.