އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އައްޑޫ ސިޓީގައި އަޅަމުންދާ ފުލުހުން ތަމްރީނު ކުރާ މަރުކަޒުގެ ބޯޑުގައި އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރަކު ހުންނަންޖެހޭ ގޮތަށް ހަމަޖައްސަން އެމްޑީޕީއިން ވައުދުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލު އިންތިހާބަށް އަމާޒުކޮށް އެމްޑީޕީއިން މިއަދު އައްޑޫ ސިޓީގައި ފެށި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ރައީސް ނަޝީދު ވިދާޅުވީ، އެންމެ ފުރަތަމަ ހީވެފައި އޮތީ އައްޑޫގައި އަޅާ މަރުކަޒަކީ ހަމައެކަނި ޕޮލިސް އެކެޑެމީއެއް ކަމަށް ކަމަށެވެ. އެއީ އެތަނަށް މީގެކުރިން ކިތަމުން ދިޔަ ނަންތަކުގެ ސަބަބުންނެވެ. އެގޮތުން އެންމެ ފުރަތަމަ އެތަނަށް ކިޔާފައި ވަނީ "ޕޮލިސް އެކެޑެމީ" އެވެ. އަދި ފަހުން "އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް"އަށް އެތަނުގެ ނަން ބަދަލުވިއެވެ. އެހެންނަމަވެސް މިހާރު އެތަނުގެ ނަމަކީ "އިންސްޓިޓިއުޓް އޮފް ލޯ، އޯޑާ އެންޑް ސްޓްރެޓަޖިކް ސްޓަޑީޒް"އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ އިންސްޓްޓިއުޓް ހިންގުމުގައި އައްޑޫ ސިޓީ ކައުންސިލަށް އެތަނުގެ ބޯޑުގައި ކައުންސިލް މެންބަރަކު އިންނަ ގޮތަށް ކަންކަން ކުރެވޭނެ ކަމަށާއި އެގޮތަށް ވައުދުވެސް ވެވޭނެ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި 18 މިލިއަން ޑޮލަރުގެ އެ މަރުކަޒުގެ މަސައްކަތް ފެށި ނަމަވެސް، ވަކި ހިސާބަކުން މަސައްކަތް ހުއްޓާލިއެވެ. އޭރު ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އޮތީ ހީނަރުވެފައެވެ. ނަމަވެސް، މިހާރު އަލުން އެތަނުގެ މަސައްކަތް ވަނީ ފެށިފައެވެ.