Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

މިހާތަނަށް ވޯޓާސް ލިސްޓަށް ލިބުނީ 41 ޝަކުވާ: އިލެކްޝަން

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓަށް މިހާތަނަށް ލިބުނު ޝަކުވާތަކުގެ އަދަދު އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިއްޔެއާ ހަމައަށް ވޯޓާސް ލިސްޓަށް ލިބުނީ 41 ޝަކުވާ ކަމަށެވެ.

މި ލިސްޓުގައިވާ ގޮތުގައި މި ދެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 269،623 އެވެ. އަދި މިދިޔަ އޭޕްރިލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 264،442 މީހުންނަށެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބުގައި 5181 މީހުން ފުރަތަމަ ފަހަރަށް ވޯޓު ދިނުމުގެ ހައްގު ވަނީ ލިބިފައެވެ.

އީސީން ބުނީ، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އެކޮމިޝަންގެ ވެބްސައިޓުންނާއި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއާއި ތިން ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.

އިލެކްޝަނުން ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ދީފައެވެ.

ކައުންސިލް އިންތިހާބާ ގުޅިގެން ރަށްވެހިކަން، ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން، މި މަހުގެ 15ގެ ކުރިން ރައްވެހިކަން ބަދަކޮށް، ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފައެވެ.

ކައުންސިލް އިންތިހާބު ބާއްވާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބުގައި އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރާނެ ކަމަށެވެ.

އިންތިހާބުގައި ވާދަކުރަން ބައެއް ޕާޓީތަކުން މިހާރު ދަނީ ޕްރައިމަރީތައް ބޭއްވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ ޕްރައިމަރީ މި މަހު 31 ވަނަ ދުވަހު ބާއްވާއިރު އަންނަ މަހު ޕީޕީއެމްގެ ޕްރައިމަރީ ބާއްވާނެއެވެ.