ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އިން 2-0 އިން ބާސެލޯނާ ބަލިކޮށްފިއެވެ.
މި މެޗުން ބަލިވުމުން ލީގުގެ އެއްވަނައިގައި ބާސާ މިހާރު އޮތީ 43 ޕޮއިންޓާ އެކުއެވެ. ނަމަވެސް ލީގުގައި މިރޭ ކުޅޭ މެޗުން ރެއާލް މެޑްރިޑް މޮޅުވެއްޖެނަމަ އެޓީމަށް އެއްވަނަ ލިބޭނެއެވެ. ލީގުގެ ދެވަނައިގައި ރެއާލް ވެސް އޮތީ 43 ޕޮއިންޓާ އެކުއެވެ. ރޭގެ މެޗުން މޮޅުވި ވެލެންސިއާ އޮތީ 34 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ.
ވެލެންސިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ލީޑު ނަގަން ވެލެންސިއާ އަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. ނަމަވެސް މެކްސި ގޮމޭޒް ފޮނުވާލި އެ ޕެނަލްޓީ ބާސާގެ ކީޕަރު ސްޓޭގަން ވަނީ ދިފާއުކޮށްފައެވެ.
އެ ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ގޮމޭޒް ވަނީ ވެެލެންސިއާ އަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ބާސާ އިން ކުޅުން ރަނގަޅުކުރިއިރު ލިއޮނަލް މެސީ ވަނީ ވެލެންސިއާގެ ގޯލަށް ނުރައްކާތެރި ދެތިން ހަަމަލާއެއް ފޮނުވާލާފައެވެ.
ބާސާ އިން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 77 ވަނަ މިނެޓްގައި ގޮމޭޒް ވަނީ ވެލެންސިއާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ތިން ޕޮއިންޓު މި މެޗުން ހޯދާދީފައެވެ.
މިއީ 2007 ވަނަ އަހަރަށްފަހު އަމިއްލަ ދަނޑުގައި ކުޅެ ވެލެންސިއާ އިން ބާސާ ބަލިކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ލީގުގެ އެއްވަނަ އަށް އެރުމަށް ރެއާލް މިރޭ ނިކުންނާނީ ލީގުގެ 15 ވަނައިގައި އޮތް ރެއާލް ވަޔަޑޮލިޑްއާ ދެކޮޅަށެވެ.