Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

"އައްޑޫގެ މެޖޯރިޓީ އެމްޑީޕީއަށް ދީފިނަމަ ލަހެއްނުވެ ރައްޔިތުން ގުނބޯ ހައްދާނެ"

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް އައްޑޫސިޓީގެ މެޖޯރިޓީ ދީފި ކަމަށްވާ ނަމަ ލަހެއްނުވެ ދިވެހި ރައްޔިތުން "ގުނބޯ" ހައްދާނެ ކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މުޅި ކައުންސިލް އިންތިހާބުގެ އައްޑު ސިޓީގެ ރައްޔިތުންގެ މެޖޯރިޓީ އެމްޑީޕީއަށް ދީފި ކަމަށްވާނަމަ ލަހެއް ނުވެ ދިވެހި ރައްޔިތުން "ގުނބޯ" ހެއްދުމުގައި އެމްޑީޕީން ކާމިޔާބު ހޯދާނެ ކަމަށެވެ.

ނިހާން މިފަދައިން ވިދާޅުވެފައިވާިއރު ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދ ހަރަކާތްތެރިވަމުން ގެންދަވަނީ އައްޑޫ ސިޓީގައެވެ. އެގޮތުން އިއްޔެ ވަނީ "އެޖެންޑާ 19 ރަށަށް" މިނަމުގައި ހާއްސަ ވޯކްޝޮޕެއްވެސް ފަށާފައެވެ. އެ ބައްދަލުވުން ފައްޓަވައި ދެއްވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެންމެ މުހިއްމު އަދި އެންމެ ބޮޑު ވައުދަކަށް ވާންޖެހޭނީ އާމްދަނީ އިތުރުކުރެވި ވަޒީފާތައް އިތުރު ކުރެވޭނެ މަސައްކަތްތައް އައްޑޫ ސިޓީގައި ހިންގުން ކަމަށެވެ.

ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓުން އައްޑޫ ސިޓީ ކައުންސިލަށް 73 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އައްޑޫ ސިޓީ ކައުންސިލަށް އެހެނިހެން ގޮތް ގޮތުން ލިބޭ އާމްދަނީއާ އެކުގައި މުޅި ބަޖެޓުގެ ޖުމްލަ މިންވަރު 80 މިލިއަނަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެންމެ މުހިއްމު ކަމަކަށް ރައްޔިތުން ބަލާނީ ރައްޔިތުންނަށް ކައުންސިލުން ކޮށްދެވޭނެ ކަންތައްތައް ކަމަށެވެ. އަދި އޭޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓު ދޭނީ އެކަންކަމުގެ މައްޗަށް ބިނާކޮށް ކަމަށްވެ ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ވިދާޅުވީ ކައުންސިލްތަކުގެ މަސައްކަތްތައް ބައްޓަން ކުރަން ޖެހޭނީވެސް ރައްޔިތުން ގާތު ވެފައިވާ ވައުދުތަކާއި އެއްގޮތަށް ކަމަށެވެ.