Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ޖަލުގެ ހާލަތާއި ގުޅިގެން ޔާމީންގެ ކަންބޮޑުވުމެއް ނެތް: ސަރުކާރު

ޔާމީން ދޫނިދޫ އަށް މީގެކުރިން ގެންދެވުން - ފޮޓޯ: މިހާރު

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމް ޖަލުގެ ހާލަތާއި ގުޅިގެން މިހާތަނަށް އެއްވެސް ކަންބޮޑުވުމެއް ހިއްސާ ކޮށްފައި ނުވާ ކަމަށް ސަރުކާރުން ބުނެފިއެވެ. 

ހޯމް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ރައީސް ޔާމީންގެ ހާލަތާއި ގުޅިގެން މީޑިއާގައި ފެތުރެމުން ދަނީ ދޮގު ހަބަރުތަކެއް ކަމަށެވެ. އެގޮތުން މީޑިއާގައި ފެތުރެމުންދާފަދަ އެއްވެސް ކަމަކާ ގުޅޭ ޝަކުވާއެއް މިހާތަނަށް، ރައީސް ޔާމީންގެ ފަރާތްޕުޅުންވެސް އަދި އޭނާގެ ވަކީލުންގެ ފަރާތުން ވިޔަސް އަދި އޭނާގެ އާއިލާގެ ފަރާތުންވެސް އުފުލާފައި ނުވާ ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 30ވަނަ ދުވަހު ހޯމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން އިނިސްޕެކްޓަރު އޮފް ކަރެކްޝަން ސާވިސް މާފުށީ ޖަލަށް ޒިޔާރަތްކުރައްވާ ކުރިޔަށް ގެންދެވި އިނިސްޕެކްޝަންގެ ހަވާސާގައި ދެންނެވިފައިވާ ގައިދީއާ ބައްދަލުކުރައްވާ ރައީސް ޔާމީންގެ ހާލަތު ބައްލަވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ޔާމީންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮޅުންފިލުވާފައިވާ ކަމަށްވެސް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ. 

މި ބައްދަލުވުމުގައިވެސް މީޑިޔާގައި ދައުރުވަމުންދާ ފަދަ އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. ސަރުކާރުގެ ސިޔާސަތަކީ ޖަލުގެ ހާލަތު ރަނގަޅުކޮށް ގައިދީންނާއި ބަންދު މީހުންގެ ހައްގުތައް ކަށަވަރުކޮށްދީ، އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކުރެވޭ މީހުން އިސްލާހުކޮށް ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ނެރުން ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހޯމް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީންނަށް ކަށަވަރު ކޮށްދޭންޖެހޭ އަސާސީ، އަދި އިންސާނީ ހައްގުތަކާއި ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ރައީސް ޔާމީނަށް އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމައަށް ފޯރުކޮށްދެމުންދާ ކަމަށެވެ.

ސަރުކާރުން މިފަދައިން ބުނި ނަމަވެސް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަށް ކާން ދެނީ އެކައްޗެއް ކަމަށާއި އެމަނިކުފާނު ހުންނެވީ ހިކި އަނަރޫފަވެފައި ކަމަށެވެ.

ހއ.ބާރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ޔާމީން ޖަލަށްލީފަހުން ދެ ފަހަރެއްގެ މަތިން އެމަނިކުފާނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާ ކަމަށާއި ޔާމީން ހުންނެވީ ވަރަށް ސާބިތުކަމާއެކުގައި ކަމަށެވެ. ނަމަވެސް ގައުމުގެ މިނިވަންކަން ގެއްލިދާނެތީ އާއި އެހެން ދީންތަކަށް ރާއްޖެއިން ފުރުސަތު ދީފާނެތީ ޔާމީން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި އެންމެފަހުން ޔާމީންއާ ބައްދަލުކުރެއްވި ދުވަހު ވަރަށް ދެރަވި ކަމަށާއި އެގޮތުން އެމަނިކުފާނުގެ ހާލުކޮޅު އެއްސެވުމުން ޖަލުގައި ހޭދަކުރަން ޖެހިވަޑައިގެންފައިވާ ހިތްދަތި ހާލު ކިޔައިދެއްވި ކަމަށެވެ.

"ވިދާޅުވި ފެންވެރުމުގެ ކަންތައް ވަރަށް އުދަނގުލޭ. ވަރަށް ދަތިގޮތަކަށޭ ހުރީ. ތުނބުޅި ބޭލޭނެ ގޮތެއް ނެތޭ. ކާން ގެންނަ އެއްޗެހީގެ ރޮލެއް ނުފިލުވައޭ. 45 ދުވަސް ވެގެންދިޔައިރު ކާން ދެނީ އެކައްޗެކޭ. ނިދާކަށް ފަސޭހައެއް ނޫނޭ. ގަސްދުގައި އަޑުގަދަކުރަނީއޭ. އެހާ ހިސާބަށް ވާހަކަ ދިޔައީމަ އަޅުގަނޑަކަށް އެވާހަކަ އަޑުއަހާކަށް ކެތެއް ނުވި. ހަމަ ހަގީގަތަށް މިދަންނަވަނީ އަޅުގަނޑަށް ރޮވުނު. މޫނު މައްޗަށް ބަލާލީމާ މުޅި މޫނުމަތީގައި ހުރީ ބިސް ނަގާފައި. ކީއްވެގެންތޯ އޮޅުންފިލުވާލިއިރު ތުނބުޅި ބާލަންޖެހެނީ ޖަލު މީހުން ތުނބުޅި ބާލާ ރޭޒަރުން. ތުނބުޅި ބާލާފަ އުނގުޅާލާނެ އާފްޓާ ޝޭވް ކޮޅެއް ނުލިބޭ. ޖަލަށް ވެއްދުން އޮތީ މަނާކޮށްފައި. ފެން ވަރައިގެން ނުކުމެ ގައިގައި ހާކާލާނެ ލޯޝަން ކޮޅެއް އެތަނަކުން ނުލިބޭ. ނަމާދަށް ނުވަތަ ހުކުރަށް ވަޑައިގަންނަވަން ވެގެން ބޭނުންކުރާނެ އަތަރުކޮޅެއް ނޫނީ ސެންޓުކޮޅެއް ނުލިބޭ. މިހާ ހިތްދަތި ހާލުގައި ރައީސް ޔާމީން ޖަލުގައި ހޭދަކުރައްވަނީ" އަދުރޭ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި ވެސް ރައީސްކަން ކުރެއްވި ބޭފުޅުން ޖަލުގައި ތިއްބެވި ކަމަށާއި އެ ބޭފުޅުން ޖަލުގައި ތިއްބެވީ ވަރަށް އަރާމުގައި އަދި ވަރަށް އިއްޒަތުގައި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެބޭފުޅުންނަށް ތުނބުޅި ބާލުއްވަން އެބޭފުޅުންގެ އަނބިންނަށް ޖަލަށް ވަޑައިގަތުމުގެ ފުރުސަތާއި ބޭނުން އެއްޗެއް ފަރިއްކުޅުވޭނެ އިންތިޒާމު ކުރީގެ ސަރުކާރުން ހަމަޖައްސައިދިން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.