މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހަށް ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަމުގެ ކުރިޔަށް "ރައީސް" މި ލަގަބު ކަނޑާލުމުން ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިން މޭޓުގެ ގޮތުގައި މަސައްކަތް ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގެ ކުރީގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ކުރީގެ ދެ ރައީސުންގެ ނަމުގެ ކުރިޔަށް "ރައީސް" އެ ލަގަބު ލުމަށްފަހު ރައީސް ޔާމީންގެ ނަމުގެ ކުރިޔަށް "ރައީސް" ނުލީ ކީއްވެގެންތޯ އިމްރާނަށް ޝަހީމް ސުވާލު ކުރެއްވިއެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް އިއްވާ ޖަލަށް ލާފައިވަނީ ބޭ އިންސާފުން ކަމަށާއި އެމަނިކުފާނު މިނިވަން ވާންޖެހޭ ކަމަށެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި މިއަދު ވަނީ ރައީސް ޔާމީން ހުންނެވީ މާފުށި ޖަލުގެ ކޮން ތަނެއްގައިކަން ހާމަ ކުރައްވާފައެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ޓްވީޓުގައި ވިދާޅުވީ މއ. ކާމިނީ ހުޅަނގުބައި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިފަދައިންނެވެ. އެހެންނަމަވެސް އެއާއެކު އެ ޓްވީޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ނަންފުޅު ގެންނެވިއިރު އެބޭފުޅުންގެ ނަމުގެ ކުރިޔަށް "ރައީސް" މި ލަގަބު ވަނީ ގެނެސްފައެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ މީހުންނަށް ދޭ އިނާޔަތާއި ރައްކާތެރިކަމުގެ ގާނޫނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅެއްގެ ނަމުގެ ކުރިޔަށް "ރައީސް" މި ލަގަބު ބޭނުން ކުރެވިދާނެ ކަމަށެވެ.