ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިއާ ކަމަށްވާ، ކޯބީ ބްރަޔަންޓް މަރުވެއްޖެއެވެ.
އެމެރިކާ އަށް އުފަން އުމުރުން 41 އަހަރުގެ ކޯބީ މަރުވީ އޭނާގެ ދަތުރުކުރަމުންދިޔަ ޕްރައިވެޓް ހެލިކޮޕްޓަރު ވެއްޓި ހިނގި ހާދިސާއެއްގައެވެ. މި ހާދިސާގައި ކޯބީގެ އުމުރުން 13 އަހަރުގެ ދަރިފުޅު ޖިއާނާ ބްރަޔަންޓް ވެސް ވަނީ މަރުވެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައިނުވާއިރު، ކޯބީއާ އެކު އެ ހެލިކޮޕްޓަރުގައި ޖުމްލަ 9 މީހުން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.
20 އަހަރުވަންދެން އެމެރިކާގެ މަޝްހޫރު ބާސްކެޓް ބޯޅަ ޓީމު ލޮސް އެންޖެލިސް ލޭކާސް އަށް ކުޅުނު ކޯބީ ބާސްކެޓް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.
ކުޅުން ހުއްޓާލިއިރު ކޯބީ ވަނީ ފަސް ފަހަރެއްގެ މަތިން އެންބީއޭ ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، އެންބީއޭ ފައިނަލްގެ މޮޅު ކުޅުންތެރިއާގެ މަގާމު ދެ ފަހަރު ކާމިޔާބުކޮށް، އެންބީއޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު އެއް ފަހަރު ކާމިޔާބުކުރުމުގެ އިތުރުން އެންބީއޭގެ ހަތަރުވަނަ އަށް އެންމެ ގިނަ ޕޮއިންޓު ސްކޯކުރި ކުޅުންތެރިއާގެ މަގާމުވެސް ހޯދާފައެވެ.
ދެ ފަހަރެއްގެ މަތިން އޮލިމްޕިކް ރަން މެޑަލް ވެސް ހޯދާފައިވާ ކޯބީ ވަނީ އެންމެ މޮޅު ކުރު އެނިމޭޓެޑް ފިލްމްގެ ކެޓަގަރީން 2018 ވަނަ އަހަރު އޮސްކާ ވެސް ހާސިލުކޮށްފައެވެ.
ކޯބީ މަރުވުމާ ގުޅިގެން ކުޅިވަރަށް ލޯބިކުރާ ގިނަ ބަޔަކު އަންނަނީ އެކަމާ ހިތާމަ ފާޅުކުރަމުންނެވެ.