އިޓާލިއަން ލީގުގައި ރޭ ނަޕޯލީން 2-1 އިން ޔުވެންޓަސްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ރޭގެ މެޗުން ބަލިވި ނަމަވެސް 51 ޕޮއިންޓާ އެކު ޔުވެންޓަސް އަދިވެސް އޮތީ ލީގުގެ އެއްވަނައިގައެވެ. ދެވަނައިގައި 48 ޕޮއިންޓާ އެކު އިންޓަ މިލާން އޮތްއިރު ނަޕޯލީ އޮތީ 27 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގައެވެ.
ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 63 ވަނަ މިނެޓްގައި ޒިލެންސްކީ ވަނީ ނަޕޯލީ އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 86 ވަނަ މިނެޓްގައި ނަޕޯލީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސިންޔޭއެވެ.
ޔުވެންޓަސް އިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން ޔުވެންޓަސްގެ ގޮންޒާލޯ ހިގުއައިން އަށް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ނަޕޯލީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ނަޕޯލީ އަތުން ރޭ ބަލިވއިރު މިއީ ލީގުގައި ޔުވެންޓަސް ބަލިވި ދެވަނަ މެޗެވެ.
ލީގުގައި ޔުވެންޓަސްއާ އެންމެ ގާތުން ވާދަކުރަމުން އަންނަ އިންޓަ މިލާން ރޭ ކަގްލިއާރީއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.