ރެއާލް ވަޔަޑޮލިޑްގެ މައްޗަށް 1-0 އިން ކުރި ހޯދައި ސްޕެނިޝް ލީގުގެ އެއްވަނަ އަށް ރެއާލް މެޑްރިޑް އަރައިފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި ރެއާލް މިހާރު އޮތީ 46 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 43 ޕޮއިންޓާ އެކު އޮތީ ބާސެލޯނާއެވެ.
ވަޔަޑޮލިޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތެއް ރެއާލް އަށް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފްގައި އެޓީމުން ކުޅުން ރަނގަޅުކޮށް ދިޔައީ ވަޔަޑޮލިޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
ނަތީޖާއެއްގެ ގޮތުން މެޗުގެ 78 ވަނަ މިނެޓްގައި ރެއާލްގެ ޑިފެންޑަރު ނާޗޯ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މިއީ ނާޗޯ ރެއާލް އަށް މި ސީޒަނުގައި ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
ރޭގެ މޮޅަކީ ލީގުގައި ރެއާލް އިން ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅެވެ.
ލީގުގެ އެއްވަނަ އަށް ރެއާލް އަރާފައިވާއިރު ލީގުގެ ދެވަނައިގައި އޮތް ބާސެލޯނާ މިދިޔަ ހޮނިހިރު ދުވަހު ވެލެންސިއާ އާއި ބައްދަލުކޮށް ވަނީ 2-0 އިން ބަލިވެފައެވެ.