ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ތަހުގީގަށް ފޯނު ނުދިނުމުން އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅި ކަމަށްބުނެ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އޭރު އިއްވި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ.
މިއަދު ހައިކޯޓުން އެ މައްސަލަ ނިންމައި ކުރި ހުކުމްގައި ކަނޑައެޅީ ކުރިމިނަލް ކޯޓުން އިއްވާފައިވާ އެ ހުކުމް ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު ކަމަށެވެ. އެހެންވެ އެ ހުކުމް ބާތިލްކުރީ އެވެ.
އަބްދުﷲ ސައީދުގެ މައްޗަށް ކުރީ ސަރުކާރުގެ ދުވަސްވަރު ގިނަ ދައުވާތަކެއް އުފުލިއެވެ. އޭގެ ތެރެއިން ތިން ދައުވާއެއް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކުރިއެވެ. އެއީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި، ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އުފުލި ދައުވާއެއްގެ އިތުރުން ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.
އޭގެތެރެއިން ދެ ދައުވާއަކާ ގުޅިގެން އައި ދެ ހުކުމް ތަންފީޒުކޮށް އަބްދުﷲ ސައީދު ވަނީ ނިންމަވާފަ އެވެ. ފޯނު ނުދިން މައްސަލައިގެ ހުކުމް ތަންފީޒުކުރަން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށްފަހު އެވެ. ސިޔާސީ އެތައް ލީޑަރުންނެއް މިނިވަންކުރުމަށް އަންގާ ނެރެފައިވާ އެ އަމުރު ތަންފީޒުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. އަދި ސިފައިން މެދުވެރިކޮށް ސުޕްރީމްކޯޓްގެ ތެރެއަށް ވަދެ އަބްދުﷲ ސައީދާ، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ޖަލުގައި ވަނީ ބަންދުކޮށްފައެވެ.
އޭގެ ފަހުން ދައުވާތައް އުފުލާ، އެ ދައުވާތައް ސާބިތުވުމުން އެ ދެ ބޭފުޅުންގެ މަގާމު ވަނީ ގެއްލިއެވެ. ރައީސް ޔާމީން، ރިޔާސީ އިންތިޚާބުން ބަލިވުމާއި ހަމައަށް ދެ ފަނޑިޔާރުންވެސް ތިއްބެވީ ޖަލުގައެވެ. އޭގެ ފަހުން އެ ބޭފުޅުން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައެވެ. އަލީ ހަމީދު ވަނީ މީގެ ދުވަސްކޮޅެއް ކުރިން މިނިވަންވެފައެވެ.