މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މި ސަރުކާރުން އިހުސާންތެރިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ވާހަކަ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދޮގު ކުރައްވައިފިއެވެ.
ހއ. ވަށަފަރުގައި ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އެފަދައިން ވިދާޅުވި ނަމަވެސް އެކަމަކީ އިދިކޮޅު ފަރާތްތަކުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ދިވެހި ރައްޔިތުންވެސް އެކަން ބަލައި ނުގަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ ރައީސް ޔާމީން އޮންނެވި ހާލުން ހުދު އަބްދުއްރަހީމްވެސް އަދި ދިވެހި ރައްޔިތުންވެސް ދެރަވާ ކަމަށެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ޔާމީންގެ ވެރިކަމުގައި ސިޔާސީ ބޭފުޅުން ޖަލުގައި ތިއްބެވި އިރު ބޭނުން އެއްޗެއް ޖަލަށް ވެއްދެ އެވެ. އަނބިދަރިންނަށް ބައްދަލު ކުރެވެ އެވެ. އެކަމަކު ޔާމީން ހުންނެވީ އެ ހާލުކޮޅުގައި ނޫން ކަަމަށް އަދުރޭ ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީންގެ އަނބިކަނބަލުންނަށް ބޭނުންވާ ގަޑިއެއްގައި ވަޑައެއް ނުގެންނެވޭ ކަމަށް ވިދާޅުވެ އަދުރޭ ވިދާޅުވީ މިއީ ތަފާތަކީ، މިއީ އަނިޔާއަކީ، މިއީ ޖެއްސުމަކީ، މިއީ ދުއްތުރާލަކީ،" އޭނާ ވިދާޅުވި އެވެ.
އަދުރޭ މިފަދައިން ވިދާޅުވިއިރު މިދިޔަ ސަރުކާރުގައި ޖަލަށް ލި ސިޔާސީ ބޭފުޅުންނަށް ނުލިބޭ އެތައް ފުރުސަތުތަކެއް ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާ ކަމަށާއި އެކަން ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބްދުﷲ (އަދުރޭ) ދެނެވަޑައިގަންނަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
އިމްރާން މިގޮތަށް ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުން ދިޔައިރު އެންމެ ބޮޑު އަނިޔާއެއް ކުރީ ސަރުކާރުން ދިނީ އަނބިދަރިންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވުމާ ގުޅިގެނެވެ.
އިމްރާން ވިދާޅުވީ ރައީސް ޔާމީން އެބޭފުޅުންނާމެދު ކޮންމެ ގޮތަކަށް ކަން ކުރެއްވި ނަމަވެސް އެމަނިކުފާނާމެދު ކަން ކުރައްވަމުން ގެންދަވަނީ ވަރަށްވެސް އިހުސާންތެރި ކަމާއެކު ކަމަށެވެ. އަދި އެބޭފުޅުންނަށް ޖަލުގައި ލިބިވަޑައިގެންފައިނުވާ ފުރުސަތުތަކެއް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާކަން އަދުރޭ ދަންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.