މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުންތަކުގެ ފުރަތަމަ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފިއެވެ.
ހައިކޯޓުގައި މާދަމާ ރައީސް ޔާމީންގެ ޝަރީއަތް އޮތީ ހެނދުނު 11:15ގައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.
ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުންތައް މާދަމާ ފަށާއިރު ރައީސް ޔާމީން މާފުށި ޖަލުގައި އޮންނެވި ގޮޅީގެ ހާލަތާއި މެދު އިދިކޮޅޫ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އެއީ އިންސާފުން ބޭރުން ކޮށްފައިވާ ހުކުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.