މެދު ރާއްޖެތެރޭ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ޓީޗަރެއް ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.
އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތަތަކަށެވެ. އެ މައްސަލަ ޖެންޑާ މިނިސްޓްރީއަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަ ފެންމަތިވީ ޖިންސީ ގޯނާކުރި ކުއްޖާ އެ ވާހަކަ އެ ކުއްޖާގެ ބައްޕަ ގާތުގައި ބުނުމުންނެވެ.
އެ ޓީޗަރަކީ އަންހެން ކުއްޖާއަށް ޓިއުޝަން ނަގައިދެން އަންނަ މީހެއް ކަމަށްވެސްއެވެ. ނަމަވެސް އެއީ ދިވެހި ޓީޗަރެއް ކަމެއް ނުވަތަ ބިދޭސީ ޓީޗަރެއް ކަމެއް އެނގިފައެއް ނުވެއެވެ. މި މައްސަލާގައި ކުއްޖާގެ ބަޔާންވެސް ޖެންޑާއިން ވަނީ ނަގާފައެވެ. އެ ޓީޗަރު ސަސްޕެންޑުކޮށްފައި ވަނީ މައްސަލަ ބަލަމުންދާތީއެވެ.
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ދާދިފަހުން ފެންމަތިވުމުން ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. ކަނޑުހުޅުދޫގައި ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރީ އެކުއްޖާގެ ކާފަ އަދި މުނިކާފައެވެ. އެ މައްސަލާގައި ކުއްޖާގެ ބައްޕަވެސް ވަނީ އިހުމާލުވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.
ޖިންސީ ގޯނާގެ މައްސަލަތަކާއި ގުޅިގެން ގިނަބަޔަކު އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކަމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.