ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލުން ހުސްވެފައި ވަނީ ގާނޫނީ ދާއިރާ ތަމްސީލް ކުރާ މެންބަރެއްގެ މަގާމެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޓްރައިބިއުނަލަށް ގާނޫނީ ދާއިރާގެ މެމްބަރަކު އައްޔަނުކުރުމަށްޓަކައި މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ދެއެއްގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ އިއުލާނުގައި ވަނީ ޓްރިބިއުނަލްގެ މެމްބަރުގެ މަގާމުގައި ހުންނަ ފަރާތުގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކާއި ޝަރުތުތައް އާންމުކޮށްފަ އެވެ. އެގޮތުން އެމީހަކީ ގާނޫނީ ދާއިރާގައި ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި ކުށުގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ދޫކުރުމާއި، ފޯމުތަކާއި އިގުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރުފަހު 2:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން، ޓެކްސާ ގުޅޭގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމާ ނިންމުންތައް ފުރަތަމަ މަރުހަލާގައި އިސްތިއުނާފް ކުރެވޭ ތަނެވެ. ޓެކްސާ ގުޅޭ ކަންކަމުގައި ތަންތަން ބަލައި ފާސްކުރުމާއި، ތަކެތި ހިފަހައްޓަން އަމުރު ނެރުމުގެ ބާރު ވެސް އެ ޓްރައިބިއުނަލަށް ލިބިގެންވެ އެވެ.