ޖަލު ބެލެހެއްޓުމަށް 60 ޕްރިޒަން އޮފިސަރުން ހޯދުމަށް ކަރެކްޝަނަލް ސާވިސްއިން އިއުލާންކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެމީހުން މަސައްކަތް ކުރަން ޖެހޭނީ، ފިރިހެން ގައިދީންނާއި، ބަންދު މީހުން ބަންދުކޮށްފައި ތިބޭ ޖަލުތަކުގައި ކަމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މި މަގާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު، އަދި ހުށަހަޅަން ޖެހޭ ލިޔެކިއުންތަކާ އެކު އަންނަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހުގެ 2:00 އަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމށެވެ.
ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި، ޝަރުތު ހަމަނުވާ ފަރާތްތަކުން ހުށަހަޅާ ފޯމުތައް ބާތިލު ކުރެވޭނެ ކަމަށް ވެސް އެ ސާވިސަސްއިން ބުނެފައި ވެއެވެ.
ޖަލު ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ޕްރިޒަން އޮފިސަރުން ހޯދުމަށް އިއުލާން ކޮށްފައި މިވަނީ، ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒްންސް އަބްދުﷲ މުނާޒް މިދިޔަ އާދިއްތަ ދުވަހު އެ މަގާމުން ވަކި ކުރައްވައި، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ މަގާމުގައި އޭރު ހުންނެވި، އަހުމަދު މުހައްމަދުފުޅު އެ މަގާމަށް ހަމަޖައްސާފައި ވަނިކޮށެވެ.
މިއަދު ވަނީ ޖަލު އޮޑިޓް ރިޕޯޓުގައި ތަންފީޒު ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ތަންފީޒު ކުރުމަށް ޖަލުތަކުގެ ވެރިޔާގެ ބެލުމުގެ ދަށުން ފަސް މެންބަރުންގެ ކޮމެޓީއެއްވެސް އެކުލަވާލައިފައެވެ. އެ ކޮމެޓީން އެކަންކަން ތަންފީޒު ކުރަމުންދާ މިންވަރުވެސް ބަލާނެ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.