ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރާ ބައެއް ފަރާތްތަކުން ޓިކެޓު ކަށަވަރުކޮށްފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ އިންތިހާބީ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ، ކައުންސިލް އިންތިހާބުގެ ޓިކެޓު 389 ކެންޑިޑޭޓަކު ކަށަވަރުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ޓިކެޓު ކަށަވަރު ކޮށްފައިވާ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ލިސްޓު އެޕާޓީގެ ވެބްސައިޓުގައި ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ރ. މީދޫ އާއި ޅ. އޮޅުވެލިފުށީގެ އެއްވެސް ގޮނޑިއަކަށް މީހަކު ކުރިމަތިލާފައެއް ނުވާ ކަމަށެވެ. އަދިވެސް ބައެއް ރަށްރަށުގެ ގޮނޑިތަކަކަށް ކުރިމަތިނުލާ ގޮނޑިތައް އެބަހުރިކަން ފާހަގަކުރައްވާ ނިޔާޒު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދާއިރާ ރައީސް އާއި ދާއިރާ މެންބަރުންނާ ވާހަކަ ދައްކާ މަޝްވަރާ ކުރުމަށްފަހު އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލާ ދާއިރާތަކަށް އެމްޑީޕީގެ މެންބަރަކު ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމަކީ ކާމިޔާބު ވެދާނެ ކަމެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ފައިނަލް ވޯޓާސް ލިސްޓު މި މަހުގެ 20ވަނަ ދުވަހު އެމްޑީޕީން ވަނީ އާއްމުކޮށްފައެވެ.
ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް 1،364 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ވަނީ މީގެކުރިން ބުނެފައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެވޭނީ މިދިޔަ އަހަރުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ. އަދި އިންތިހާބުގައި ވޯޓު ލެވޭނީވެސް މިދިޔަ އަހަރުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ މީހުންނަށް ކަމަށް އެ ޕާޓީން ބުންޏެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅުމުގެ ފުރުސަތު ވެސް ބަންދުވެފައިވާއިރު، ހުށަހެޅުނު ޝަކުވާތަކަށް ބެލުމަށް ފަހު މިމަހުގެ 15 ވަނަ ދުވަހު ފައިނަލް ވޯޓާސް ލިސްޓު އާންމުކުރާނެކަމަށް އެމްޑީޕީއިން ބުންޏެވެ.
ޕްރައިމަރީގައި ވާދަކުރަން އެމްޑީޕީން ހުޅުވާލީ ޑިސެމްބަރު 30 ގަ އެވެ. ޕްރައިމަރީގައި ވޯޓުލުން އޮންނާނީ މި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.