އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި (އޭއީއެޗް) ސްޕީޗް ތެރަޕީގެ ހިދުމަތް ދޭން ފަށައިފިއެވެ. މިއީ މާލެ ސަރަހައްދުން ބޭރުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ސަރުކާރު ހޮސްޕިޓަލެއްގައި ދޭން ފެށި ފުރަތަމަ ފަހަރެވެ.
އެ ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ހިދުމަތް ދިނުމަށް ފަށާފައިވާއިރު، އެކަމަށް ހާއްސަ މުވަޒަފުންވެސް ވަނީ އެހޮސްޕިޓަލުގެ ޓީމާ ގުޅިފައެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސް"އަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ އެ ހިދުމަތަށް އެ ހޮސްޕިޓަލުން އެއްވެސް އަގެއް ނެގުމުގެ ވިސްނުން ނުގެން ގުޅުއްވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ހިދުމަތް ބޮޑަށް އަމާޒު ކޮށްފައި ވަނީ ކުޑަކުދިންނަށް ކަމަށެވެ.
ސްޕީޗް ތެރަޕީގެ ހިދުމަތަކީ ވާހަކަ ދެއްކުމުގައި ދަތިތަކެއް ހުންނަ ފަރާތްތަކަށް ދެވޭ ހާއްސަ ހިދުމަތެކެވެ. އިކުއެޓޯރިއަލް ހޮސްޕިޓަލުން ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވީ ސްޕީޗް ތެރެޕީގެ ހިދުމަތާއެކު ވަރަށް އަވަހަށް އޯޑިއޯމެޓްރީގެ ހިދުމަތްވެސް އެ ހޮސްޕިޓަލުން ފަށާނެ ކަމަށެވެ. އައްޑޫގައި ސިއްހީ ހިދުމަތްދޭ އަމިއްލަ ފަރާތްތަކުންވެސް މިހިދުމަތް ދެމުން ގެންދިޔަ ނަމަވެސް ދެމެހެއްޓެނެވި ގޮތެއްގައި އެ ހިދުމަތް ނުގެންދިއުމަކީ އައްޑޫސިޓީގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދެމުންދިޔަ ބައެއް ހިދްމަތް ހުއްޓާލައި އެ ހިދްމަތް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އެ ހިދުމަތްތައް ދޭން ފެށީ މި މަހުގެ 15ވަނަ ދުވަހުއެވެ. އެ ހޮސްޕިޓަލުން ފުރަތަމަ ހިދުމަތް ދޭން ފަށާފައި ވަނީ ސީޓީ ސްކޭން ހެދުމާއި ކާޑިއޯގެ ހިދްމަތެވެ. މީގެ އިތުރުން އީއެންޓީ ހިދްމަތާއި، ދަތުގެ ފަރުވާގެ އިތުރުން މާބަނޑު މީހުންގެ ކްލިނިކާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި ސައިކެޓްރިކް އަދި އަލްޓްރާ ސައުންޑްގެ ހިދްމަތް ދޭން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުންވެސް އޯތޯ ސާޖަން އަދި ފިޒިއޯތެރަޕީގެ ހިދްމަތްވެސް އެ ހޮސްޕިޓަލުން އަންނަނީ ދެމުންނެވެ.
ދެހާސް ބާރަ ވަނަ އަހަރު 17 ވަނަ ސާކް ސަމިޓު ބޭއްވުމަށް ހިތަދޫގައި ހެދި ކޮންވެންޝަން ސެންޓަރު 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައެވެ. އެލިއާ އާއި ހަވާލުކޮށްގެން 171 މިލިއަން ރުފިޔާއަށް އިމާރާތް ހޮސްޕިޓަލަކަށް ބަދަލުކޮށް ތަނަށް ބޭނުންވާ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތް އެ ހޮސްޕިޓަލްގައި ވަނީ ގާއިމްކޮށްފައެވެ.