Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމުގެ އަމުރަކަށް އެދިއްޖެ

ރައީސް ޔާމީން -- ފޮޓޯ / އަވަސް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން މިނިވަން ކުރުމުގެ އަމުރަކަށް އެދިއްޖެއެވެ.

ހައިކޯޓުގައި މިއަދު ކުރިޔަށް ދިޔަ އިސްތިއުނާފު އަޑުއެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ކަފާލާތަކީ ރާއްޖޭގެ ދުސްތޫރުގައި ބިންވަޅު ނަގާފައިވާ އެއްޗެއް ކަމަށެވެ. ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ކްރިމނަލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އެހެންކަމުން ވަށައިގެންވާ ކަންކަމަށް ބެލުމަށްފަހު ރައީސް ޔާމީންގެ ހުކުމަށް ލުޔެއް ދެއްވުމަކީ ގައުމުގެ މަސްލަހަތަށާއި ސިޔާސީ މަޝްރަހު މިއަދު ބައްޓަންވެފައިވާ ގޮތަށް ބަލާއިރު ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ވެރިވުމުގެ ކުރިން ކަފާލާތުގެ ހައްގާއި ކުށްވެރިވުމަށްފަހު އިސްތިއުނާފީ މަރުހަލާގައި ކަފާލާތަށް އެދުމުގެ ހައްގުގެ މަރުހަލާ ވެސް ހިމެނޭ ކަމަށެވެ. ކުށްވެރިވުމުގެ ކުރިން ކަފާލާތަށް އެދުމަކީ ގާނޫނު އަސާސީގައި ވެސް ވަރަށް ސާފުކޮށް ލިޔެފައިވާ ހައްގެކެވެ. އަދި އެކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް ލިޔެފައިވެ އެވެ. ނަމަވެސް ކުށްވެރިވުމަށް ކަފާލާތަށް އެދިވެދާނެ ކަމަށް އެއްވެސް ގާނޫނަކު ލިޔެފައި ނެތެވެ. އެކަމަށް އިޝާރާތް ކުރައްވާ ޑރ. ޖަމީލް ވިދާޅުވީ އެފަދައިން ސީދާ ލިޔެފައި ނެތް ނަމަވެސް ގާނޫނު އަސާސީއަށް ބެލުމުން ކުށްވެރިންނަށް ވެސް ކަފާލާތުގެ ހައްގަކީ އޮތް ހައްގެއްކަން އެނގޭ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ކަފާލާތުގެ ހައްގަކީ ގާނޫނުއަސާސީގެ އިތުރުން ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައިވެސް އެކަން ބަޔާންކޮށްފައި އޮތް ކަމަށެވެ. އެގޮތުން އިންޑިއާ ސުޕްރީމް ކޯޓުގެ ދެ ހުކުމަކުން ކަފާލާތް ދީފައިވާކަން ޖަމީލު ފާހަގަ ކުރެއްވިއެވެ. ޖަމީލު ވިދާޅުވީ ކޯޓުތަކުން ގޮތް ނިންމާއިރު ދިމިގްރާތީ މުޖުތަމައުތަކުން އަމަލު ކުރާ އުސޫލުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ގާނޫނު އަސާސީ ލާޒިމް ކުރާ ކަމަށެވެ.

މި ވާހަކަތަކައް ރައްދު ދެއްވާ ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ގާނޫނުއަސާސީން ދީފައިވާ އިސްތިއުނާފުގެ ހައްގަކީ މީހެއްގެ މައްޗަށް ކުށް ސާބިތުގެ ކުރިން ލިބިދީފައިވާ ހައްގެއް ކަމަށާއި ކުށެއް ކުރި ކަމަށް ކޯޓަކުން ކަނޑައެޅުމަށްފަހު އެ ހައްގަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ނޫން ކަމަށެވެ. އަދި ހަމައެހެންމެ މިއަދާއި ހަމައަށް އައިރު ތަންފީޒު ވެފައިވަނީ ހުކުމުގެ ވަރަށް ކުޑަ މިންވަރެއްކަން ފާހަގަކުރައްވާ ދައުލަތުގެ ވަކީލު ވިދާޅުވީ މި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު ހުކުމް ތަންފީޒު ކުރުމުގެ ފަސް ކުރުމު ނެރެދެވިދާނެ ކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ.