Last Updated: April 19, 18:52
Friday, April 19, 2024
ދުނިޔެ

އިންޑިއާގެ 71 ވަނަ ޖުމުހޫރީ ދުވަސް: މުޒާހަރާއާއި އަނިޔާވެރިކަމުގެ ތެރޭގައި

އިންޑިއާގެ 71 ވަނަ ޖުމުހޫރީ ދުވަސް ޖެނުއަރީ 26 ވަނަ ދުވަހުގެ ހެނދުނު ދިއްލީގައި ކުލަގަދަކޮށް ފާހަގަ ކުރަމުންދިއައިރު ގައުމުގެ އެކި ސަރަހައްދުތަކުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ ދެކޮޅަށް ނުރުހުން ފާޅުކޮށް މުޒާހަރާކުރަމުންދިޔައެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގައި އައު ހަތިޔާރާއި މިސައިލު ދެއްކުމާއި ބޮންއަޅާ ޖެޓުތަކާއި ހެލިކޮޕްޓަރތަކާއި ފުޅަނދުތަކާއި ސަގާފީ ކުޅިވަރުތަކާއި ސިފައިންގެ ކުޅަދާނަކަން ދައްކަމުން ދިޔައިރު، އިންޑިއާގައި މުސްލިމުންގެ އަޣުލަބިއްޔަތު ލިބިފައިވާ ހަމައެކަނި ސްޓޭޓުގައި އޮތީ އަނިޔާވެރި ގޮތަކަށް ކާފިއު ހިންގާފައެވެ. ބީޖޭޕީއާ ދެކޮޅު ސިޔާސީ ޕާޓީތަކުގެ ވެރިންނާއި ކަޝްމީރުގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރައްވަމުންގެންދަވާ އިސް ބޭފުޅުންތައް ތިއްބެވީ ޖަލުބަންދާއި ގޭބަންދުގައެވެ. ޖުމުހޫރިއްޔަތުގެ ކަންފުޅެއްވެސް ނެތެވެ. ސަރުކާރުންހެދި ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް އިންޑިއާގެ ހުރަހަށާއި ދިގަށް ދިޔައީ މުޒާހަރާކުރަމުންނެވެ.


ޖުމުހޫރީ ދުވަހު އިންޑިއާއިން އައު މިސައިލެއް ދައްކާލަނީ

ވެރިރަށް ދިއްލީގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ފާޚާނާތެރެއަށް ވެއްޓިވަޑައިގަތުމާ ގުޅިގެން ސިކުނޑިއަށް ލިބިވަޑައިގެންނެވި ޝޮކެއްގައި ހަނދުމަފުޅުނެތުމުގެ މައްސަލައަކާ ދުވަސްކޮޅެއް ކުރިން ކުރިމަތިވެވަޑައިގެންނެވި ބްރެޒިލްގެ ރައީސް ޖެއަރ މެސިއަސް ބޮލްސޮނަރޯ އެވެ. އޭނާގެ ސިކުނޑީގެ ހާލަތު މިހާރު ރަނގަޅުކަމަށްވެއެވެ.

ކަޝްމީރުގެ ތިން މީހުން ޝަހީދުކޮށްލި

ކަޝްމީރަށް އިންޑިއާގެ ގާނޫނު އަސާސީން ލިބިދީފައިވާ ޚާއްޞަ އިމްތިޔާޒުތައް މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ފަސްވަނަ ދުވަހު ބީޖޭޕީގެ އަނިޔާވެރި ސަރުކާރުން އުވާލައި ކާފިއުހިންގިފަހުން 175 ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ.

ޖުމުހޫރީ ދުވަހާ ދިމާކޮށް އިންޑިއާ ސަރުކާރުން ގިނައަދަދަކަށް ސިފައިންނާއި ފުލުހުން ކަޝްމީރަށް ފޮނުވައި ކަޝްމީރުގެ ރައްޔިތުންނަށް އިތުރު ދުއްތުރާތަކާއި ވޭން ކުރިމަތިކުރުވިއެވެ. އަދި ސިފައިންނާއި ކަޝްމީރުގެ ޒުވާނުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ކަޝްމީރުގެ ތިން ޒުވާނުން ޝަހީދުކޮށްލިއެވެ.

ކަޝްމީރުގައި އިންޑިއާ ސިފައިން: ރައްޔިތުންނަށް ދުއްތުރާ ކުރަމުންދޭ

އިންޑިއާގެ ޖުމުހޫރީ ދުވަސް ކަޝްމީރުގައި ފާހަގަކުރަމުންދިޔައީ ކަޅުދުވަހެއްގެ ގޮތުގައެވެ. އުފާވެރިކަމެއް މިނިވަންކަމެއް ނެތް ދުވަހެއްގެ ގޮތުގައެވެ. ކަޝްމީރުގެ އެކި ސަރަހައްދުތަކުން ފެންނަމުންދިޔައީ ހަތިޔާރުއެޅި ސިފައިންނާއި ފުލުހުންނެވެ.

ކަޝްމީރުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާ ކުރުން އިންތިހާއަށް އުނދަގުލެވެ. ދަނޑުވެރިކަން ވަނީ ހުއްޓިފައެވެ. ވިޔަފާރިތައް ވަނީ ބަނގުރޫޓުވެފައެވެ. ފަތުރުވެރިކަން ވަނީ ވަޅުލެވިފައެވެ. ހަތިޔާރު އެޅި ސިފައިންގެ ވެރިކަމެވެ. ކަށިނަރުން މަގުތަކާއި ގޯޅިތައް ވަނީ ބަންދުކޮށްފައެވެ.

ގައުމުގައި ހަމަނުޖެހުން

ބޮޑުވަޒީރުކަމުގެ މަގާމު ނަރެންދުރަ މޯދީއަށް މިދިޔަ އަހަރު ލިބިވަޑައިގެންނެވިފަހުން އިންޑިއާގައި އެކިއެކި ހަމަނުޖެހުންތައް ހިނގަމުން ގޮސް ގައުމު މިހާރު ވަނީ އިންތިހާއަށް ނުރައްކާތެރި ދަރަޖައަކަށް ވެއްޓިފައެވެ.

އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުން އެގައުމުގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމަށް، ސިޓިޒެންޝިޕް އެމެންޑްމެންޓް އެކްޓް (ސީއޭއޭ) ފާސްކުރުމާ ގުޅިގެން ރައްޔިތުން ފެށި މުޒާހަރާތަކުގައި އެތައް ބަޔަކު މަރުވެ އެތައް ބިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފައެވެ. މުޒާހަރާތައް ކުރިއަށްދާތާ މަހަކަށްވުރެ ގިނަދުވަސްވެއްޖެއެވެ. އެއީ ގާނޫނުއަސާސީއާ ޚިލާފު ގާނޫނެއްކަމަށް ބުނެ އެތައް ސްޓޭޓަކުން އެއަށް އަމަލުނުކުރަން ވަނީ ކަނޑައަޅާފައެވެ.

ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް ދިއްލީގައި މުޒާހަރާ ކުރަނީ

ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް އިންޑިއާގެ އެތައްހާސް ކިޔަވާކުދިން އެކި ސަރަހައްދުތަކުން ނިކުމެ މުޒާހަރާކުރަން ފެށުމުން ބޮޑުވަޒީރު މޯދީގެ ސަރުކާރު ވަނީ ވަރަށް ބޮޑު ޕްރެޝަރެއްގެ ތެރެއަށް ވެއްޓިފައެވެ.

ޖުމުހޫރިއްޔަތަށް ނުރައްކާ

އިންޑިއާގެ އިގުތިސާދަށް ހީނުކުރާވަރުގެ ލޮޅުމެއްއަރައި އިގުތިސާދު އިނދަޖެހެމުންދާ ދުވަސްވަރެއްގައި ސަރުކާރުގެ އަނިޔާވެރި ސިޔާސަތާ ދެކޮޅަށް ރައްޔިތުން ނިކުމެ މުޒާހަރާ ކުރުމަކީ އިންޑިއާގެ ޖުމުހޫރިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެކެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ތާޖު އަޅައިގެން އުޅޭ އިންޑިއާގައި ކުރަމުންދާ މުޒާހަރާތައް މައިތިރިކުރުމަށް ފުލުހުން ބާރުގެ ބޭނުން އަނިޔާވެރިގޮތެއްގައި ކުރަމުންދާތީ ވަރަށް ގިނަ ފަރާތްތަކުން ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ.

ހައްދުފަހަނަޅާފައިވާ ހިންދޫން ފިޔަވައި އިންޑިއާގެ އެތައް ސަތޭކަ މިލިއަން ބަޔަކު ގަބޫލުކުރާގޮތުގައި ރަށްވެހިކަމުގެ ގާނޫނަކީ އިންޑިއާގެ ޖުމުހޫރިއްޔަތަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.