ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހިތުގެ އާލާސްކަންފުޅެއް އެބަ ހުންނެވި ކަމަށާއި އެހެންނަމަވެސް އެ ބައްޔަށް ރާއްޖެއިން އިތުރަށް ތަހުލީލު ހެދެން ނެތުމުން ރާއްޖެއިން ބޭރަށް އެމަނިކުފާނުގެ ދިއުމުގެ ހުއްދައަކަށް އެދިއްޖެއެވެ.
ހައިކޯޓުގައި މިއަދު އޮތް އިސްތިއުނާފުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ހިތުގެ މައްސަލައަކީ ރާއްޖެއިން އިތުރު ތަހުލީލުތަކެއް ނުހެދޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ މައްސަަލައެއް ކަމަށެވެ. އެ މައްސަލަ އެންމެ ފުރަތަމަ އެނގުނީ ޝަރީއަތުގެ ކުރިން ކްރިމިނަލް ކޯޓުގެ އަމުރަކަށް ބަންދުގައި ހުންނެވިއިރު ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނު މިނިވަން ކުރުމަށް ކޯޓުން ހުކުމްކުރީ ވެސް އެ ދެންނެވި ހާލަތަށް ބައްލަވާފަ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އޭގެ ފަހުން ރައީސް ޔާމީން ގެންދެވީ ބަރާބަރަށް ޑޮކްޓަރަށް ދައްކަމުންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ބައްލަވާ ޑޮކްޓަރު ރިކޮމަންޑް ކުރައްވާފައި ވަނީ ރާއްޖޭން ބޭރުން ފަރުވާ ހޯއްދަވަން ކަމަށެވެ. ހުދު އެމަނިކުފާނުވެސް ބޭނުންފުޅުވަނީ ހިތުގެ މައްސަލަ އެއްކަމުން ވީ އެންމެ ރަނގަޅު ފަރުވާ އެއް ބޭރުން ހޯއްދަވަން ކަމަށް ވިދާޅުވިއެވެ.
"ނަމަވެސް އަޅުގަނޑު ރާއްޖޭން ބޭރަކަށް ނުދަން. ނުދިޔައީ، އެ ދަނީ ފިލަން ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވިދާނެތީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަތައް އަޑު އެއްސެވުމަށްފަހު މައްސަލަ ބައްލަވާ ބެންޗުގައި އިންނެވި އިސް ގާޒީ ހުސައިން މަޒީދު ވަނީ ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާއި ގުޅޭ ލިޔުންތައް ކޯޓަށް ހުށަހަޅާފައިވޭތޯ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އަރިހުން އައްސަވާފައެވެ. އަދި ދައުލަތަށް އެއިން އެއްވެސް ލިޔުމެއް ލިބިފައިވޭތޯވެސް އެއްސެވިއެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ފަހު، އެމަނިކުފާނުގެ ސިއްހީ ހާލަތާއި ގުޅޭ އެއްވެސް ލިޔުމެއް ދަޢުލަތަށް ލިބިފައިނުވާ ކަމަށާއި، އެހެންކަމުން، ފަރުވާގެ ކަންކަން ރަނގަޅަށް ކުރިއަށްދާ ކަމަށް، ގަބޫލުކުރައްވާ ކަމަށެވެ.
އަޑުއެހުން ނިންމާލާފައިވަނީ، ރައީސް ޔާމީންގެ ބަލިހާލަތާއި ގުޅޭގޮތުން، ހުށަހަޅުއްވަން ބޭނުންވާ ހުރިހާ ލިޔުމެއްވެސް، ތިން ދުވަހުގެ ތެރޭގައި ހުށަހަޅެމުގެ ފުރުސަތު ރައީސް ޔާމީނަށް ދެއްވުމަށް ފަހުއެވެ.