ސްޕޯޓިން ލިސްބަން އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފާނަންޑޭސް، މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިނގިރޭސި މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ފާނަންޑޭސް ގެނައުމަށް ސްޕޯޓިން އާއެކު ޔުނައިޓެޑުން ކުރަމުން އަންނަ މަޝްވަރާތަކަށް އިއްޔެ ވަނީ ބޮޑު ކުރިއެރުމެއް ލިބިގެން ގޮސްފައެވެ. އެއާއެކު މި ޓްރާންސްފާ ފުރިހަމަވާނެ ކަމުގެ އުއްމީދު ޔުނައިޓެޑަށް މިހާރު ބޮޑުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޔުނައިޓެޑުން އުމުރުން 25 އަހަރުގެ ފާނަންޑޭސް ގެނައުމަށް މަސައްކަތް ކުރަނީ 55 މިލިއަން ޔޫރޯގެ އަގަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ބޯނަސްތަކާއެކު މި އަދަދު 80 މިލިއަން ޔޫރޯ އަށް އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔުނައިޓެޑުން މި ޓްރާންސްފާ މާކެޓުގައި ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރި ކުޅުންތެރިއަކީ ފާނަންޑޭސްކަން ފާހަގަކޮށްލެވެއެވެ.
2017 ވަނަ އަހަރު އިޓަލީގެ ސަމްޕްޑޯރިއާ އިން 7.2 މިލިއަން ޕައުންޑުގެ އަގަކަށް ސްޕޯޓިންއާ ގުޅުނު ފާނަންޑޭސް ވަނީ އެޓީމަށް މިހާތަނަށް ކުޅެދިން 137 މެޗުގައި 64 ގޯލު ކާމިޔާބުކޮށްފައެވެ.