Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

އެރިކްސަން އިންޓަ އަށް ބަދަލުވެއްޖެ

ޓޮޓެންހަމް އަށް ކުޅެމުން އައި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އިންޓަ މިލާނަށް ބަދަލުވެއްޖެއެވެ.

އުމުރުން 27 އަހަރުގެ އެރިކްސަން އިންޓަ އަށް ސޮއިކުރީ 17 މިލިއަން ޕައުންޑުގެ އަގަކަށް 2024 ވަނަ އަހަރުގެ ނިޔަލަށް އެޓީމުގައި ހުރުމަށެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް އެރިކްސަން ޓޮޓެންހަމް ދޫކޮށްލަން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެފަހަރު އެހެން ކްލަބަކަށް ބަދަލުވެވޭ ގޮތް އެރިކްސަން އަށް ނުވިއިރު އޭނާ ވަނީ މި ސީޒަނުގައި ޓޮޓެންހަމް އަށް 28 މެޗު ކުޅެދީފައެވެ.

އިންޓަ އަށް ބަދަލުވުމަށްފަހު އެރިކްސަން ބުނީ ޕްރިމިއާ ލީގުގައި ކުރެވުނީ ރަނގަޅު މަސައްކަތެއް ކަމަށާއި ނަމަވެސް މިހާރު ބޭނުންވަނީ އާ ޗެލެންޖެއް ފަށަން ކަމަށެވެ. އަދި އިޓާލިއަން ލީގުގެ ބޮޑު ކްލަބަކަށް ކުޅެން ފުރުސަތު ލިބުމުން އެކަމާ އުފާކުރާ ކަމަށާއި އިންޓަ އަކީ ބަރާބަރު ޓީމެއް ކަމަށްވެސް އޭނާ ބުންޏެވެ.

އެންޓޯނިއޯ ކޮންޓޭ އިންޓަގެ ކޯޗުކަމާ ހަވާލުމަށްފަހު ވަނީ ޕްރިމިއާ ލީގުގައި ކުޅެމުން އައި ބައެއް ކުޅުންތެރިން އެ ކްލަބަށް ގެންގޮސްފައެވެ. އެގޮތުން އެރިކްސަންގެ އިތުރުން އިންޓަ އިން ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އައި ދެ ކުޅުންތެރިން ކަމަށްވާ ރޮމެލޫ ލުކާކޫ އާއި އޭޝްލީ ޔަންގް ވެސް އެ ކްލަބަށް ގެންގޮސްފައެވެ.

އިންޓަ މިލާން މިވަގުތު އޮތީ އެއްވަނައިގައި އޮތް ޔުވެންޓަސް އަށްވުރެ ތިން ޕޮއިންޓު ފަހަތުން އިޓާލިއަން ލީގުގެ ދެވަނައިގައެވެ.