Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

މަށަކީ މުސްލިމެއް، އަނބިމީހާއަކީ ހިންދޫއެއް، ދަރިން އިންޑިއާ: ޝާހުރުޚް ޚާން

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޝާހު ރުޚު ޚާން ޓީވީ ޝޯއެއްގައި ދާދިފަހުން ދެއްކި ވާހަކައަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވަރަށް ފޯރީގަދަކޮށް ބަހުސްކުރެވެމުން އެބަދެއެވެ.

ސްޓާރ ޕްލަސްއިން ދައްކަމުންދާ ރިއަލިޓީ ޝޯ "ޑާންސް ޕްލަސް"ގައި ވާހަކަދައްކަމުން ޝާހު ބުންޏެވެ. "މަށަކީ މުސްލިމެއް. މަގޭ އަނބިމީހާއަކީ ހިންދޫއެއް. މަގޭ ދަރިންނަ އިންޑިއަނުން." ޝާހު ޝޯގައި ބައިވެރިވީ ޚާއްޞަ މެހުމާނެއްގެ ގޮތުގައެވެ.

"ސްކޫލުން އެތައް ފަހަރަކު ދިން ތަފާތު ފޯމުތަކުގައި ސުއާލުކޮށްފައި ހުރޭ ދަރިންގެެ މަޒުހަބު އޮޅުން ފިލުވަން." ޝޯގައި ކުރެވުނު ސުއާލެއްގެ ޖަވާބުގައި އޭނާ ބުންޏެވެ. "އަންހެން ދަރިފުޅު ކުޑައިރު އެއްދުވަހަކު އައިސް ސުއާލުކުރި އަހަރުމެންގެ މަޒުހަބަކީ ކޮބައިހެއްޔޭ ކިޔައިގެން؟ އަހަރެން ބުނިން އަހަރުމެންނަކީ އިންޑިއަނުންނޭ. އެހެންލިޔާށޭ!"ޝާހު ބުނިގޮތުގައި އެމީހުންގެ މަޒުހަބެއްނެތެވެ. އޮންނާކަށް ނުވެސްޖެހެއެވެ.

ޝާހު ދެއްކި ވާހަކައަށް އެއްބަޔަކު ތައުރީފު ކުރަމުންދާއިރު އަނެއްބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި އަނެއްބަޔަކު ބުނަމުން ދަނީ ޝާހު ދެއްކި ވާހަކައަކީ ގައުމު ފަޚުރުވެރިވާންޖެހޭ ފަދަ ވާހަކައެއްކަމަށެވެ.

ޝާހުގެ ހިންދޫ އަނބިމީހާ ގައުރީއަކީ ފިރިމީހާގެ މައްޗަށް ވަރަށް ނުފޫޒުގަދަ އަންބެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަންހެނެކެވެ.
ހައްދުފަހަނަޅާފައިވާ ބީޖޭބީގެ ސަރުކާރުން ދާދި ފަހުން ފާސްކުރި، ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް ވަރަށް ގިނަ ފިލްމު ސްޓާރުން ތަފާތު ބަޔާންތައް ދީފައިވާއިރު، އަދި މިހާތަނަށް ޝާހު އެއްވެސް އެއްޗެއް ނުބުނެ ހުރީ ހިމޭނުންނެވެ.