Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފިލްމީ ތަރި މަލް ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފުކޮށްފި

މަސްތުވާތަކެއްޗާ އެކު ފިލްމީ ތަރި މަލީހާ (މަލް) ވަހީދު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން އޭނާ ދޫކޮށްލި މައްސަލަ، ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މަލްއާ ދެކޮޅަށް، ދައުލަތުން އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ޝަރީއަތް ހައިކޯޓުގައި މާދަމާ ފެށުމަށް ވެސް ވަނީ ތާވަލުކޮށްފަ އެވެ.

މިއީ، ހުސްވި އަހަރުގެ ތެރޭގައި އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުލުހުން މަލް އާއި އިތުރު އަންހެނަކު މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި މައްސަލަ އެވެ. 

މާލޭން ފުރައިގެން މާމިގިއްޔަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މާމިގިލީ ބަނދަރު ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަލައި ފާސްކުރި އިރު އެ މީހުންގެ ގެންގުޅުނު ދަބަހަކުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި އިތުރު ޕެކެޓެއް ވަނީ ފެނިފައިވާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފަ އެވެ. އިތުރު މައްސަލައެއްގައި އޭނގެ ފަހުންވެސް ފިލްމީ ތަރި މަލް ވަނީ ހުޅުމާލެއިން ހައްޔަރުކޮށްފަ އެވެ.

މަލް އަކީ މީގެ ތިން އަހަރު ކުރިން ފިލްމު "ނޭނގި ޔާރު ވަކިވީ" އިން ފިލްމީ ދާއިރާ އަށް ނުކުތް ބަތަލާ އެކެވެ. 

އޭގެ ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބައިވެރިޔާ"، "ވަފާތެރި ކެހިވެރިޔާ" އަދި "ތިޔަ ލޯތްބާ ދުރަށް" ހިމެނެ އެވެ.