(ޖުލައި 17، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
އަމިއްލަ އުފަލަށްޓަކައި އެހެން މީހަކަށް މިފަދަ ދެރައެއް ޝާހިދު ދިނީ ކީއްވެގެން ބާވަ އެެވެ؟ އެހެނަސް އަހަރެން އޭނާ އަށް ކުރާ އިތުބާރާއި ލޯތްބަށް ކުޑަ ވެސް ބަދަލެއް ނާދެ އެވެ. މިއީ ހަމަ އަހަރެންނެވެ. ހަމަ ކުރިން ވެސް ޝާހިދު ދެކެ ލޯބިވި ޒީނިޔާ އެެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަހެން އަހަރެންގެ ހިތުގައި އެޅެމުން ދިޔަ ކޫރުންތައް ގިނަވަމުން ދިޔަ އެވެ. ލޮލުން ކަރުނައެއް ނުހިކެ އެވެ. ހަމަޖެހުމެއް ނުލިބުނު ތާނގައި އަރުން އެއްޗެއް ނުދިރެ އެވެ. މަންމަމެންގެ އެހީތެރިކަން ލިބުނު ނަމަވެސް އަހަރެންގެ ހިތަކަށް ކުޑަ ވެސް ހަމަޖެހުމެއް ނުލިބެ އެވެ. ޝާހިދުގެ މަންމަ ކިތަންމެ ވަރަކަށް ހިތްވަރު ދިން ނަމަވެސް އަހަރެންގެ ކަންފަތަކަށް އެ އަޑެއް ނީވެ އެވެ.
އަހަރެން އޮތީ ހޮސްޕިޓަލްގަ އެވެ. ކައިރީގައި އޮތީ ޝާހިދުގެ ފަރާތުން އަހަންނަށް ލިބުނު ލޯބީގެ ހަދިޔާ އެވެ. ބޭއިހުތިޔާރުގައި އަހަންނަށް ރޮވުނު އިރު، ގާތުގައި އޮތް ޝާހިދުގެ ކުޑަކުޑަ ދަރިފުޅު ވެސް ރޮއިގަތެވެ. ހީވި ކަހަލަ އެވެ.
އެ ތުއްތު ކުއްޖާ އަށް މަންމަގެ ހިތުގެ ހާލު އަޑު އިވުނީ އެވެ. އާއެކެވެ. އެއީ އަހަރެންގެ ވިންދެވެ. ހިތުގައި ދެވަނަ ފަހަރަށް ދިރިހުރުމުގެ އުންމީދުގެ ހުޅުކޮޅު ރޯކޮށް ދިނީ އެ "އުށްބައްތި" އެވެ.
ޝާހިދު ދުވަސްތައް ގުނަމުން ދިޔައީ ޖަލުގެ ތެރޭތަކުގެ ފުރަގަހުގަ އެވެ. އެއީ އެފަދަ މީހުންނަށް އެކަށީގެންވާ މަގާމު ކަމުގައިވާތީ އެވެ. އެހެނަސް އަހަރެން އުޅެމުން އައީ ގޭގަ އެވެ. ޝާހިދުގެ މައިންބަފައިންގެ ގާތުގަ އެވެ. ވޭތުވަމުންދާ ކޮންމެ ހިނދުކޮޅަކީ އަހަންނަށް ޝާހިދުގެ މަތިން ހަދާން ކުރެވޭ ހިނދުކޮޅެކެވެ.
ނަމަވެސް ތިން މަސް ފާއިތުވެގެން ދިޔަ އިރު އަހަރެންގެ ހިތަށް ވަނީ ކޮންމެވެސް ވަރެެއްގެ ބަދަލުތަކެއް އަންނަން ފަށައިފަ އެވެ. އާއެކެވެ. މިހާރު އަހަރެން ބޭނުން ވަނީ ޝާހިދުގެ ހަނދާނުގައި، އަހަންނަށް މިފަދަ ހިތްދަތި ކަމެއް ދިން އެހެނަސް އަހަރެން ހިތުގެ އެންމެ ފުންމިނުން ލޯބިވި މީހާގެ ހަނދާނުގައި ދިރިއުޅުން ނަގާނުލުމަށެވެ. އަހަރެންގެ ދަރިފުޅަށްޓަކަ އެވެ.
އަހަރެން އަޒުމް ކަަނޑައެޅީ އަހަރެންގެ ދަރިފުޅަކީ ބޮޑުވެ ހަރުދަނާ ޝަހުސިއްޔަތަކަށް ހަދާށެވެ. އެކަމަށް ބޭނުން ވަނީ ހަމަ އެކަނި އަހަރެންގެ ހިތްވަރެވެ. އެކަން އަހަރެން މުޅި ދުނިޔެ އަށް ވެސް ސާބިތުކޮށް ދޭން ބޭނުންވި އެވެ. އެހެންކަމުން އަހަރެން މައިންބަފައިން ގާތަށް ބަދަލު ވާން ނިންމީމެވެ.
ޝާހިދުގެ މަންމަ ވަރަށް އާދޭސް ވެސް ކުރި އެވެ. ނުދިއުމަށް އެދި އެވެ. އެކަމަކު އަހަރެން އެ މީހުންގެ ގާތުގައި ހުރުމުގެ އެއްވެސް މާނައެއް އެބަ އޮތް ހެއްޔެވެ؟
ދަރިފުޅަށް ހަ މަސް ފުރުމާ އެކު އަހަރެން ސަރުކާރުގެ ވަޒީފާއަކަށް އަލުން ވަނީމެވެ. މާ މޮޅަށް ކިޔެވިފައި ނެތް ނަމަވެސް ސަރުކާރުގެ އޮފީހަކުން ރަނގަޅު ވަޒީފާއެއް ލިބުނެވެ. އެކަމާ އަހަރެން އުފާ ކުރީމެވެ. އެ ދުވަސްތަކުގައި މަންމަގެ އެހީތެރިކަން އިންތިހާ އަށް ލިބެމުން ދިޔަ އެވެ.
އަހަރެންގެ ލޯބިލޯބި ފިރިހެން ދަރިފުޅު ބޮޑުވަމުން ދިޔައީ އެއްވެސް އެއްޗެއް، އެއްވެސް އުފަލެއް އުނިވާކަމުގެ އެއްވެސް އިހުސާސެއް ނެތި އެވެ. މަންމައެއްގެ ލޯބި ވެސް، ބަފެއްގެ ލޯބި ވެސް ދިނީ ހަމަ އަހަންނެވެ. އުފާވެރި ޖައްވައްގެ ތެރޭގައި ދަރިފުޅު ބޮޑުވަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތަށް ލިބިފައި ހުރި ޒަހަމްތައް މަޑުމަޑުން، ފަސޭހަވަމުން ދިޔަ އެވެ.
އެހެނަސް ދަރިފުޅަށް ބަލައިލާ ކޮންމެ ފަހަރަކު އަހަރެންގެ ދެ ލޮލުގެ އެސްފިޔަތައް ބާރަށް ތެޅެން ފަށަ އެވެ. އެއީ ހަމަ ޝާހިދުގެ ދެ ލޮލެވެ. އެ މޫނެވެ. އެ ތުންފަތެވެ. އެ ރީތި ހިނިތުންވުމެވެ. ހަމަ ޝާހިދު ކަހަލަ ވަރުގަދަ ހަށިގަނޑެެކެވެ.
(ނުނިމޭ)