Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ހިމަބިއްސަށް އިއްޔެވެސް މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އެއްކޮށް ނައްތާލާފައި ވަނިކޮށް އަލުން ފެތުރެން ފަށާފައިވާ ހިމަބިއްސަށް އިތުރު މީހަކު އިއްޔެވެސް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ބުނީ އިއްޔެ 16 ސާމްޕަލްގެ ޕީސީއާރު ޓެސްޓު އަދި ފަސް ސާމްޕަލް އެލައިޒު ޓެސްޓު ހަދާފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މިހާތަނަށް ތަހުލީލުކޮށް ނިމިފައިވާ ސާމްޕަލްތަކުގެ ޖުމްލަ އަދަދަކީ 129 ކަމަށެވެ. މިހާތަނަށް ހިމަބިއްސަށް 8 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި އަނެއްކާވެސް ރާއްޖޭގައި ފެތުރެން ފަށާފައިވާކަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފައިވަނީ މި މަހުގެ ކުރީކޮޅުއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ވެކްސިން ދޭންޖެހޭ މުއްދަތުގައި ވެކްސިން ނުދެވުނު ނަމަވެސް، ވީ އެންމެ އަވަހަކަށް ވެކްސިން ދޭ މަރުކަޒަކަށް ގޮސް، ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.