Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އަސާސީ ކަންކަންވެސް ތަރައްގީވެސް ހުއްޓާލެވޭކަށް ނެތް: ނަޝީދު

ތިމާވެށި ކޮމެޓީގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެން ވާހަކަދައްކަވަނީ -- ފޮޓޯ / މަޖިލިސް

އިންސާނުންގެ އަމަލުތައް ހުންނަ ގޮތުން ގުދުރަތީ ހަމައަށް ބަދަލުތައް އަންނަމުންދާ ކަމަށާއި އެހެންނަމަވެސް އެކަންކަމުގެ ސަބަބުން އަސާސީ ކަންކަންވެސް އަދި ތަރައްގީވެސް ހުއްޓާލެވެން ނޯންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ރާއްޖޭގެ ރަށްތައް އާދައާ ހިލާފަށް ގިރާތީ ރައްޔިތުންގެ މަޖިލީހުގެ ތިމާވެށި ކޮމިޓީއިން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. އަލީ ހުސައިން ވަނީ ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލުމަށްފަހު ވެސް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ގޮވާލާފައެވެ.

އަލީ ހުސައިން ވިދާޅުވީ ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތަކަކީ ފަހަށް ޖައްސާލެވޭނެ ކަންކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ ރަށްތައް ރައްކާތެރި ނުކޮށް އަލަށް ތަންތަން ހިއްކުން ހުއްޓާލަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު މި ކޮމެޓީގައި ވާހަކަދައްކަވަމުން ވިދާޅުވީ އިންސާނުން ކުރާ ކަންކަމުގެ ސަބަބުންނާއި އިންސާނުން ނުކުރާ ކަންކަމުގެ ސަބަބުންވެސް ގުދުރަތީ ވެއްޓަށް ބަދަލުތައް އަންނަމުންދާ ކަމަށެވެ. އިންސާނުންނަށް ކުރެވޭ ނޭދެވޭ ކަންކަން ހުއްޓާލި ނަމަވެސް ގުދުރަތީ ވެއްޓަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންވެސް މާލެއިން ލިބޭ ހިދުމަތްތައް އެރަށްތަކުންވެސް ލިބެން ބޭނުންވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ދިރިއުޅުމާއި ތަރައްގީއަކީ ހުއްޓާލެވޭނެ ކަންކަމެއް ނޫން ކަމަށާއި ބޯހިޔާވަހިކަމަކީ ވެސް ހުއްޓާލެވެން އޮތް ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އާދަޔާ ހިލާފަށް ރަށްތައް ގިރުމުގެ އަސަރު ހުވަދު އަތޮޅުގެ ބައެއް ރަށްތަކާއި އުތުރުގެ ބައެއް ރަށްތަކަށް އަންނަނީ ކުރަމުންނެވެ.