ރާއްޖޭގައި މިހާތަނަށް ބާއްވާ ސްކައިޑައިވްގެ އެންމެ ބޮޑު ހަރަކާތް އަންނަ މަހު ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.
ސްކައިޑައިވް މޯލްޑިވްސް އިން ބުނީ އެ ހަރަކާތް ކުރިޔަށް ދާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 24 ފެބްރުއަރީއަށް ކޫއްޑޫގައި ކަމަށެވެ. މި ހަރަކާތުގައި 20 ގައުމެއްގެ 328 ލައިސެންސް ހުރި ސްކައިޑައިވާސް ބައިވެރިވާނެއެވެ. މި ހަރަކާތުގައި ބޭނުން ކުރާނީ ޖަރުމަން ވިލާތުގެ ކެރެވަން އެއް ކަމަށްވެސް ސްކައި މޯލްޑިވްސްއިން މައުލޫމާތުދެއެވެ. މި ހަރަކާތް ބޭއްވުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޗެމްޕިއަނުން ހަރަކާތްތެރިވާނެއެވެ.
އޭގެތެރޭގައި ހިމެނެނީ:
– ކޭޓް ކޫޕާ ޖެންސަން
– ޓޮމް ސޭންޑާސް
– ބްރޫނޯ ބްރޮކެން
– މެޓް ގާޑްސް
– ރޫކް ނެލްސަން އެވެ.
މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން 3 ހަފްތާ ތެރޭގައި ކޫއްޑޫ އައިލެންޑް މަތިން ޖުމްލް 5000 "ޖަމްޕު" ޖަހާނެއެވެ. މީގެ އިތުރުން ކޫއްޑޫއާއި 3 މޭލް ދުރުގައި އޮތް ކުޑަ ރަށެއްގެ މަތިންވެސް ސްކައި ޑައިވް ކުރާނެއެވެ. ނަމަވެސް އެއީ ކޮން ރަށެއްކަމަށް ބުނެފައެއްނުވެއެވެ.
މި ހަރަކާތް އިންސްޓަގްރާމާއި ފޭސްބުކާއި ޔޫޓޫބް އަދި ޓުވިޓާ އިން ފްރީ އަދި އަންލިމިޓެޑްކޮށް އިޝްތިހާރު ކުރެވޭނެ ކަމަށް ސްކައިޑައިވް މޯލްޑިވްސްއިން ބުނެއެވެ. އެގޮތުން މި ސޯޝަލް ޕްލެޓްފޯމުތަކުގައި އިޝްތިހާރުކުރުމުން ގާތްގަޑަކަށް 50،000،000 މީހުންނަށް ފޯރުކޮށްދެވޭނެ ކަމަށް ސްކައިޑައިވްއިން މައުލޫމާތުދެއެވެ. މި ހަރަކާތް ދުނިޔޭގެ ހުރިހާ ސްކައިޑައިވިންގް ޕަބްލިކޭޝަނުން ކަވަރު ކުރާނެއެވެ.
ސެންޓްރަލް އެމެރިކާގެ ސްޓޭޓެއްކަމަށްވާ ބެލައިޒްގަ ސްކައިޑައިވްކޮށް، ޔޫޓިއުބް ޗެނަލަށް އަޕްލޯޑް ކުރި ވީޑިއޯއަށްވެސް ހަމައެކަނިވެސް 20،000،000 ވިއުސް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގައި ބާއްވާ ސްކައިޑައިވިންގް ހަރަކާތުގެ ސަބަބުން ރާއްޖޭ ދުނިޔަށް ރާއްޖެ އިޝްތިހާރުވެ ރާއްޖޭގެ އިގްތިސާދަށްވެސް މިކަމުން ފައިދާތަކެއް ކުރާނެ ކަމަށް ސްކައި މޯލްޑިވްސްއިން މައުލޫމާތުދެއެވެ. އެގޮތުން ރާއްޖޭއަށްވެސް 3،000،000 އެއްހާ ޔޫއެސް ޑޮލަރުގެ ފައިދާއެއް މި ހަރަކާތުން ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ސްކައިޑައިވް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.