Last Updated: April 18, 18:15
Thursday, April 18, 2024
ޚަބަރު

ވައިރަސްއަށް ވެކްސިނެއް ހޯދުމަށް މާ، 14 މިލިއަން ޑޮލަރު ހަދިޔާކޮށްފި

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ފަސޭހަކޮށްދޭނެ ވެކްސިނެއް ހޯދުމަށް ސައިންސްވެރިން ކުރާ މަސައްކަތުގައި އަލީ ބާބާގެ ޗެއާމަން ޖެކް މާ ބައިވެރިވެއްޖެއެވެ.

ވެކްސިންއެއް ހޯދުމަށް މާ ވަނީ 100 މިލިއަން ޗައިނީސް ޔުއަން(14.4 މިލިއަން ޑޮލަރު) ހަދިޔާކޮށްފައެވެ. ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނީގެ ވެރިޔާ އަދި ޗައިނާގެ އެންމެ މުއްސަނދި މަހުޖަނު، މާ، ވަނީ ޗައިނާ ސަރުކާރުގެ ދެ ރިސާޗް މަރުކަޒަކަށް ފައިސާ ހަދިޔާކޮށްފައެވެ.

އެގޮތުން، 40 މިލިއަން ޔުއާން(5.8 މިލިއަން ޑޮލަރު) އޭނާ ހަދިޔާކުރީ ރިސާޗް މަރުކަޒުތަކަށެވެ. ބާކީ ފައިސާ ހަދިޔާކޮށްފައިވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި ރައްކާތެރިވުމަށް ޗައިނާ ސަރުކާރުން ކުރާ މަސައްކަތަށެވެ.

ވޫހާން ސްޓޭޓުން ފެތުރުނު މި ނުރައްކާތެރި ވައިރަސް މިހާރު ވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ފެތުރިފައެވެ. ޗައިނާ އިން ވަނީ މިދިޔަ ހަފްތާގައި އެ ސްޓޭޓް އެއްކޮށް ބަންދުވެސް ކޮށްފައެވެ.

ސްޓޭޓުގައި ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް 48 ގަޑިއިރު ތެރޭ ޗައިނާ އިންޖިނިއަރުން ވަނީ ހޮސްޕިޓަލެއް އަޅާ ޚިދުމަތް ދޭން ފަށާފައެވެ. ހޮސްޕިޓަލް ގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ކޮރޯނާ ވައިރަސް އަށް ޕޮސިޓީވް ވެފައިވާ 7000 އަށް ވުރެ ގިނަ މީހުން މިހާރު އެބަ ތިބި ކަމަށް ސިއްހީ އިދާރާއިން ބުނެއެވެ.

މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ރޯނގާ ޖެހުން، ކަރުތެރޭގައި ރިއްސުމާއި ކެއްސުމާއި، ބޮލުގައި ރިއްސުން ހިމެނެއެވެ. ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ ފަރާތްތަކުން މިފަދަ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

އަދި މިވަގުތު ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ރާއްޖެއިން ބޭރަށް ދަތުރު ނުކުރުމަށް ވެސް ކަމާ ބެހޭ އިދާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. ބޭރުގައި އުޅޭ ވަގުތު މާސްކު ބޭނުން ކުރުމާއި ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި ބިހާއި މަސް، ކެއުމަށް ބޭނުން ކުރާ ފަރާތްތަކުން ރަނގަޅަށް ރޯ ފިލުވުމަށް ފަހު ކެއުމަށް ވެސް ސިއްހީ މާހިރުން އިލްތިމާސް ކުރެއެވެ.