Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

އިންތިޚާބާ ދިމާކޮށް ފިތުނަ އުފެއްދުމަކީ ދަށު ދަރަޖައިގެ އަމަލެއް: ނިހާދު

. ފޮޓޯ: ޝަރަފު/ އައްޑޫލައިވް

ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ފިތުނަ އުފެއްދުމުގެ ގޮތުން ތަންތަން ހަލާކު ކުރުމާއި ފޭކު ލިޔެކިޔުން އުފެއްދުމަކީ ދަށު ދަރަޖައިގެ ކަމެއް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އޭނާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިޚާބާ ދިމާކޮށް ތަންތަނުގެ ބިއްލޫރި ތެޅުމާއި ސްކޫލްތަކަށް ގެއްލުން ދިނުމާއި ފޭކު ލިޔެކިޔުންތައް އުފެއްދުމުގެ ބަދަލުގައި ކޮންމެ މީހަކުވެސް އެމީހަކު ސަޕޯޓުކުރާ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ފޭދޫގައި ހިންގަމުން އަންނަ ކުދިމާ ޕްރީ ސްކޫލަށް ރޭ ބަޔަކު ވަދެ ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު ބަޔަކު ވަނީ މޭޔަރަކަށް ވާދަކުރައްވާ ކުރީގެ މެމްބަރު އަލީ ނިޒާރާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެމެދު ހިނގާފައިވާ ކަމަށް ބުނާ ޗެޓުލޮގުތަކެއް ސޯޝަލް މީޑިޔާގައި ޕޯސްޓުކޮށްފައެވެ.

ނިޒާރުގެ ޗެޓްލޮގްތަކެއް ކަމަށް ބުނެ ޕޯސްޓުކޮށްފައިވަނީ ބަޔަކު އަމިއްލައަށް ލިޔެ، ތައްޔާރުކުރި ތަކެތި ކަމަށް ނިޒާރުގެ ކެމްޕޭނު ޓީމުން ވަނީ ބުނެފައެވެ. އަދި އެއީ އޭގައި އެއްވެސް ހަގީގަތެއް އެކުލެވޭ އެއްޗެއް ނޫން ކަމަށާއި އެއީ އޭނާގެ އަގު ވައްޓާލަން، ރާވައިގެން ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.